އިންޑިއާގެ ބޯޓުތައް ހޮރުމޯޒު ކަނޑުއޮޅި ހުރަސްކުރަން ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ބުނެފިއެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިއްޔެ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އެ ގައުމަށް ނިސްބަތްވާ ތެޔޮ ޓޭންކަރުތައް ހޮރުމޯޒު ކަނޑުއޮޅި ހުރަސްކޮށް މެދުއިރުމަތިން ދިއުމަށް އިރާނުން ވަނީ ހުއްދަދީފައެވެ.

އިރާނުން ހުއްދަދިން ކަމަށް އިންޑިއާގެ އޮފިޝަލަކު ބުނި ނަމަވެސް އިރާނުން އެކަމުގެ ހުއްދަ ދީފައިނުވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

އާންމުވެފައިވާ މައުލޫމާތާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީގެ އިތުރުން އެގައުމުގެ ސަރުކާރުގެ އެއްވެސް އިސް ފަރާތަކުން ކޮމެންޓެއް ކޮށްފައިނުވާ ކަމަށް ރިޕޯޓުތަކުން ވެސް ބުނެއެވެ.

ކަނޑުއޮޅީގައި ތާށިވެފައިވާ އިންޑިއާއަށް ނިސްބަތްވާ ދެ ތެޔޮ ޓޭންކަރެއް ހޮރުމޯޒު ސަރަހައްދުން ބޭރުކުރުމަށް އިރާނުގެ އިސް އޮފިޝަލުންނާއި އިންޑިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން މިދިޔަ ހަފުތާގައި މަސައްކަތްކޮށްފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކަނޑުއޮޅި ސަރަހައްދުގައި އިންޑިއާއަށް ނިސްބަތްވާ 28 ބޯޓުގައި 778 އިންޑިއާ ފަޅުވެރިން އެބަތިއްބެވެ.

އިރާނުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ހޮރުމޯޒް ކަނޑުއޮޅީގައި ތާށިވެފައިވާ ބޯޓުތަކުގެ މައްސަލައިގައި ޒިންމާވާން ޖެހޭނީ އެމެރިކާއިންނެވެ.