ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވެސް "ދޮރުންދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ޕީއެންސީން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލެ ސިޓީގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭގޮތަށް މިއަދުގެ "ދޮރުންދޮރަށް" ހަރަކާތްވެސް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައެވެ.

މިއަދު މެންދުރު 1:15 ގައި ސްވެކް ސިނަމާ ކައިރިން ފެށި އެ ހަރަކާތުގައި ރައީސް ވަނީ އެ ސަރަހައްދުގެ ބައެއް ގެތަކަށް ވަޑައިގެން އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައިފައެވެ. އަދި މަގުމަތިންވެސް ބައެއް ފަރާތްތަކާ ބައްދަލުކުރައްވާފައިވެއެވެ.

މިއަދުގެ "ދޮރުންދޮރަށް" ހަރަކާތަކީ ރައީސް މި ރޯދަ މަހުގައި ބައިވެރިވެވަޑައިގަންނަވާ 15 ވަނަ "ދޮރުންދޮރަށް" ހަރަކާތެވެ.

ކައުންސިލް އިންތިހާބުގައި އދ. މާމިގިލި ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ގޮނޑިއަކަށް ޕީއެންސީން ވާދަކުރެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.