އާމިރު ޚާން ޕްރޮޑަކްޝަންސް އިން އުފައްދާ އާ ފިލްމު "އޭކް ދިން" ގެ ޓްރެއިލާ އާންމުކޮށްފިއެވެ. ސާއީ ޕައްލަވީ އާއި ޖުނައިދު ޚާން ލީޑު ރޯލުން ފެނިގެންދާ މި ރޮމޭންޓިކް ޑްރާމާ ފިލްމަކީ، ދެކުނު އިންޑިއާގެ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސާއީ ޕައްލަވީ ބޮލީވުޑަށް ތައާރަފުވާ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން، މިއީ ޖުނައިދު ޚާން ލީޑު ރޯލުން ފެނިގެންދާ ތިންވަނަ ފިލްމެވެ.
ސުނިލް ޕާންޑޭ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ޖަޕާނުގެ ސައްޕޯރޯގެ ސްނޯ ފައިބާފައިވާ ރީތި މަންޒަރުތަކެއްގެ ތެރޭގައި ހިނގާ ލޯބީގެ ހާދިސާތަކެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ޖުނައިދު ޚާން ކުޅޭ ކެރެކްޓަރ "ރޯހަން" އާއި އޭނާއާއެކު މަސައްކަތްކުރާ "މީރާ" (ސާއީ ޕައްލަވީ) ގެ މެދުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. މީރާ ދެކެ ސިއްރުން ލޯބިވާ ރޯހަން، ނަސީބު ގެނެސްދޭކަމަށް ގަބޫލުކުރާ ރަނގަބީލެއް ޖަހައި، އެންމެ ދުވަހަކަށް ނަމަވެސް މީރާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތަކަށް އެދެއެވެ. އެއަށްފަހު ދެމީހުން އެކުގައި ހޭދަކުރާ 24 ގަޑިއިރުގެ ތެރޭގައި ހިނގާ ކަންތައްތަކާއި އުފެދޭ އިހުސާސްތައް ޓްރެއިލާއިން ދައްކުވައިދެއެވެ.
މި ފިލްމަކީ 2016 ވަނަ އަހަރު ނުކުތް ތައިލެންޑުގެ ކާމިޔާބު ފިލްމު "ވަން ޑޭ" ގެ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އާމިރު ޚާން، މަންސޫރު ޚާން އަދި އަޕަރްނާ ޕުރޯހިތު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ހާއްސަކޮށް، މާރާމާރީ އާއި އެކްޝަން ފިލްމުތައް ގިނަވެފައިވާ ދަނޑިވަޅެއްގައި، މިއީ ތަފާތު އަދި ހިތްގައިމު ލޯބީގެ ފިލްމަކަށް ވާނެކަމަށް އިންޑަސްޓްރީގެ ފަރާތްތަކުންނާއި ފޭނުން އަންނަނީ ބުނަމުންނެވެ. ދެ ތަރިންގެ ކެމިސްޓްރީއަށް ވެސް ގިނަ ބަޔަކު އަންނަނީ ތާރީފުކުރަމުންނެވެ.
މި ފިލްމުގެ މިޔުޒިކް ތައްޔާރުކޮށްފައިވަނީ ރާމް ސަމްޕަތު އެވެ. ލަވަތަކުގެ ޅެން ހަދާފައިވަނީ އިރްޝާދު ކާމިލް އެވެ. ސްނޭހާ ދެސާއީ އާއި ސްޕަންދަން މިޝްރާ ލިޔެފައިވާ "އޭކް ދިން" ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ 1 މެއި 2026 ގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް