ގައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ފްލައިޓު ވަނީ ރޭގެ ވަގުތެއްގައި ޑާކާއަށް ގޮސްފައެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރުންނެވެ. އަދި 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ބުނީ، މި ދަތުރުތައް އަލުން ފަށަން ނިންމާފައި މިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.

މޯލްޑިވިއަނުން މީގެ ކުރީންވެސް ވަނީ ބަންގްލަދޭޝަށް ދަތުރުތައް ބާއްވާފައެވެ.

އެ ފަހަރު ދަތުރުތައް މެދުކަނޑާލީ ބަންގުލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމުން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މޯލްޑިވިއަނުން މިހާރު ބައިނަލްއަގުވާމީ ދަތުރުތައް ކުރަނީ އިންޑިއާ އަދި ޗައިނާއަށެވެ.