މާލޭ ނޯތު ހާބަރުން އުޅަނދުފަހަރަށް ޖާގަ ދިނުމުގައި ގެންގުޅެމުން އައި އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އުޅަނދުތަކަށް ނޯތު ހާބަރުން ޖާގަ ދިނުމުގައި މި މަހު 14 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން އަމަލުކުރާނީ އާ އުސޫލަށް ކަމަށެވެ.
މި މަހު 14 ފެށިގެން އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލުކުރަން ނިންމާފައިވާ އުސޫލު
- މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކާން ޖެހޭ ފައިސާ ދައްކައި ނިމުމަށްފަހު، ފުރާ ވަގުތުން ފެށިގެން ކޮންްމެ ކިޔުއެއްގައިވެސް ނޯޓު ކުރެވިދާނެ.
- ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރެވޭނެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅައި ޖާގަ ދެމުންގެންދާނެ.
- މި ދެ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ (އަންހޯލްޑް ކުރެވޭނީ)، އެ އުޅަނދެއް މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުން. މިގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަ ކުރާންޖެހޭ ޒިންމާއެއް.
- އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ ދެ ގަޑިއިރު ފަހުން. އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރެވޭނެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން 3 ފަހަރު. ހަތަރު ވަނަ ފަހަރު ކިޔުއިން ކެންސަލް ވާނެ.
- އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި "ހޯލްޑް" ނުވަތަ ފަސް ކުރުމެއް ނޯންނާނެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ ހަތަރު ގަޑިއިރުގެ ވަގުތެއް. މި ވަގުތަށް ކީވޯލް ޗާޖް ހިނގާނެ. އަދި މި ހަތަރު ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެ.
- އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށްފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ ފަސް ދުވަސް ނުވަތަ 120 ގަޑިއިރަށް މި މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެ.
- މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި، ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއް.
މާލޭ ލޯކަލް މާރުކޭޓު ކުރިމައްޗަށް ކައިިރި ކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލުން މިހާރު އަންނަނީ ކުރަމުންނެވެ. އެއީ މީގެ ކުރީން އެ ސަރަހައްދުން ލިބެން ހުންނަ ހިދުމަތެއް ނޫނެވެ.
އާއިޝަތު މާހާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް