ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމު ސިލްސިލާ "ވެލްކަމް" ގެ ހަތަރުވަނަ ފިލްމު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މި ފިލްމުގެ ޕްރޮޑިއުސަރު ފިރޯޒް އޭ ނަޑިއަޑްވާލާ ވަނީ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަރުހަލާ މިހާރު ކުރިއަށްދާކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނިގޮތުގައި ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު އޮތީ ފަހުގެ މަރުހަލާގައެވެ.
މި ފިލްމުން ސިލްސިލާގެ އެންމެ މަގުބޫލު ކެރެކްޓަރުން އަލުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ނާނާ ޕާޓޭކަރް (އުދޭ ޝެޓީ)، އަނިލް ކަޕޫރު (މަޖްނޫ ބާއީ) އަދި ޕަރޭޝް ރާވަލް (ޑރ. ގުންގްރޫ) ހިމެނެއެވެ. މީގެ އިތުރުން އަކްޝޭ ކުމާރު ވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕްރޮޑަކްޝަން ޓީމުން މިހާރު އަންނަނީ ތަރިންނާ ގުޅޭގޮތުން ސްކްރިޕްޓަށް ގެންނާން ޖެހޭ ބަދަލުތައް ގެންނަމުންނެވެ.
ފިލްމުގެ ޕްރޮޑިއުސަރު ފާހަގަކުރި ގޮތުގައި، ކުރީގެ ފިލްމުތަކާ ޚިލާފަށް މި ފިލްމުގައި އެއް ވިލަންއަށްވުރެ ގިނަ ވިލަން ފެނިގެންދާނެ އެވެ. ފިލްމުގެ އެކްޝަން މަންޒަރުތަކާއި މިޔުޒިކް ވަރަށް ފުރިހަމަވާނެ ކަމަށާއި، މެދުއިރުމަތި، އެފްރިކާ، އެމެރިކާ އަދި ޗައިނާ ފަދަ ގައުމުތަކުގެ މިޔުޒިކީ ފަންނާނުންގެ ހުނަރު ފިލްމުން ފެންނާނެ ކަމަށް އޭނާ ބުންޏެވެ.
ވެލްކަމް ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމުގެ މަސައްކަތް ފަށާފައި މިވަނީ، މި ސިލްސިލާގެ ތިންވަނަ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ގެ ޝޫޓިން ނިންމާލައި، ނެރޭން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ 26 ޖޫން 2026 ގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް