ދަތުރުފަތުރު މަދުކޮށް ތެޔޮ ބޭނުންކުރުމުގައި ސަމާލުވުމަށް އާންމުންންނަށް ލަންކާ ސަރުކާރުން އިލްތިމާސް ކޮށްފިއެވެ.
ސްރީލަންކާގެ ސަރުކާރުގެ ތެލާ ބެހޭ އިދާރާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން އެ ގައުމުގެ އާންމުން ސަމާލުވުމަށް ގޮވާލައި ވަނީ ކޮންމެހެން ކުރާން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ތެޔޮ ބޭނުން ކުރުމުގައި އިތުރަށް ސަމާލު ވުމަށް އެދިފައެވެ.
ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ޗެއާމަން ޑީޖޭ ރާޖަކަރުނާ އެ ގައުމުގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިއްޔެ ވަނީ އެ ގައުމުގެ އާންމުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން އިގްތިސާދަށް އަންނަ ބަދަލު ބަލައި ޒިންމާދާރުކަންމަތީ ދިރިއުޅުން ބައްޓަން ކުރުމަށް އެދިވަޑައިގެންފައެވެ.
ރާޖަކަރުނާ ވަނީ މިދަނޑިވަޅަކީ ވަރަށް ސަމާލުވާން ޖެހޭ ދަނޑިވަޅެއް ކަމަށާއި އާންމުން ސަރުކާރަށް އެއްބާރުލުން ދީ މިހާލަތު މެނޭޖް ކުރުމަށް އެދިވަޑައިގެންފައެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ އަގުބޮޑުވެފައިވާ މި ވަގުތުގައި ލަންކާ ރައްޔިތުން ގިނަ އަދަދަކަށް ތެޔޮ ގަންނަކަން ފާހަގަވެފައިވާ ކަމަށް ރާޖަކަރުނާ ވަނީ ފާހަގަކުރައްވައިފައެވެ. ރާޖަކަރުނާ ވަނީ އެކަމުގެ ސަބަބުން ތެލުގެ ސްޓޮކަށް އަސަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ތެލުގެ އިތުރުން ލަންކާއިން އިއްޔެ ވަނީ އެ ގައުމުގައި ވިއްކާ ކައްކާ ގޭހުގެ އަގަށްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން 12.5 ކިލޯގެ ގޭސް ސިލިންޓަރަކުން 300 ރުޕީސް އަދި ފަސް ކިލޯ ސިލިންޑަރަކުން 120 ރުޕީސްގެ އިތުރުން 2.3 ކިލޯގެ ސިލިންޑަރަކުން 56 ރުޕީސް ބޮޑުކޮށްފައިވެއެެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ