ޕްރޮޑަކްޝަން ހައުސް ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ، މަޝްހޫރު ބަތަލާ އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ އާ ފިލްމު "އަލްފާ" ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ. އާލިއާގެ މޫނުމަތިންނާއި ހަށިގަނޑުން ޒަޚަމްތަކެއް ފެންނަ މި ޕޯސްޓަރާއެކު، ފިލްމު ސިނަމާތަކަށް އަންނާނީ 10 ޖުލައި 2026 ގައި ކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި މި ޕޯސްޓަރުގައި އާލިއާ ފެންނަނީ ވަރަށް ސީރިއަސް އަދި ވަރުގަދަ ގޮތަކަށެވެ. އޭނާގެ ކޮނޑުގައި ކަނޑައިގެން ގޮސްފައިވާ ފުން ތަނެއް ހުރިއިރު، ތުންފަތާއި ބުމަމަތީގައި ވެސް ޒަޚަމްތަކެއް ހުއްޓެވެ. ޝިވް ރަވައިލް ޑައިރެކްޓުކުރާ މި ފިލްމަކީ ވައިއާރްއެފްގެ "ސްޕައި ޔުނިވާސް" ގެ ހަތްވަނަ ފިލްމެވެ. އަދި މިއީ މި ފްރެންޗައިޒްގައި އަންހެނުން ލީޑް ރޯލު ކުޅޭ ފުރަތަމަ ފިލްމެވެ. އާލިއާގެ އިތުރުން ޝަރުވަރީ ވާގް، އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
ފިލްމީ ދާއިރާގެ އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، "އަލްފާ" އަކީ ބޮލީވުޑްގެ ޖާސޫސީ ފިލްމުތަކުގެ ޖޯންރާއަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ. މީގެ ކުރިން ފިރިހެން ބަތަލުންނަށް ޚާއްސަކޮށްފައި އޮތް މި ޖޯންރާ، އަންހެން ބަތަލާއިންނާއެކު ގެނެސްދިނުމަކީ ކާމިޔާބު އަދި ހިތްވަރުގަދަ ނިންމުމެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އަދި މި ފިލްމުގައި އާދައިގެ އެކްޝަން މަންޒަރުތަކުގެ ބަދަލުގައި، ހަގީގަތާ ގާތްކުރާ، އަދި ރޯ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި ޕޯސްޓަރާއެކު ސޯޝަލް މީޑިއާގައި އާންމުންގެ ފަރާތުން ތަފާތު ޚިޔާލުތައް ދަނީ ލިބެމުންނެވެ. ގިނަ ބަޔަކު އާލިއާގެ މި އާ ރޯލަށް މަރުހަބާ ކިޔައި، ފިލްމަށް އިންތިޒާރުކުރާކަން ހާމަކޮށްފައިވާއިރު، ބައެއް މީހުން ވަނީ ފިލްމުގެ ކާމިޔާބީއާމެދު ސުވާލު އުފައްދައި ފާޑުކިޔައިފައެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ތާވަލުކުރި މި ފިލްމު މި އަހަރުގެ ޖުލައި މަހަށް ފަސްކުރީ، ފިލްމުގެ ވިޝުއަލް އިފެކްޓްސް (ވީއެފްއެކްސް) ގެ މަސައްކަތްތައް ފުރިހަމަކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް