އިމްތިއާޒް އަލީގެ ކުރިއަށް އޮތް ފިލްމު 'ހީރު ރަންޖާ' ގެ ބަތަލާގެ ރޯލަށް ސާރާ އަރުޖުން ހަމަޖައްސާފައިވާ ކަމަށް ދެކެވޭ ވާހަކަތައް، މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ ދޮގުކޮށްފިއެވެ. ރަންވީރު ސިންގާއެކު 'ދުރަންދަރު' ފިލްމުން ބޮޑު މަގުބޫލުކަމެއް ހޯދި ސާރާ، އޭނާގެ ދެވަނަ ޕްރޮޖެކްޓެއްގެ ގޮތުގައި އިމްތިއާޒް އަލީގެ ފިލްމެއްގައި ސޮއިކޮށްފައިވާ ކަމަށް ފަހަކަށް އައިސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް މިކަމާ ގުޅިގެން މުކޭޝް ޗަބްރާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސާރާ އަރުޖުން އިތުރު އެއްވެސް ފިލްމެއްގައި ސޮއިކޮށްފައި ނުވާ ކަމަށެވެ. އޭނާ މިވަގުތު ހުރީ މި މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ 'ދުރަންދަރު 2' (ދުރަންދަރު: ދަ ރިވެންޖް) ގެ އިންތިޒާރުގައި ކަމަށްވެސް މުކޭޝް ބުންޏެވެ. މީގެ އިތުރުން، އާ ޕްރޮޖެކްޓަކާ ގުޅޭގޮތުން ސާރާ އެއްވެސް ފަރާތަކާ ބައްދަލުކޮށްފައި ނުވާ ކަމަށާއި، އޭނާގެ ކުރިއަށް އޮތް ފިލްމާ ގުޅޭ މައުލޫމާތު ރަސްމީކޮށް ހިއްސާކުރާނެ ކަމުގެ ޔަގީންކަންވެސް ކާސްޓިން ޑައިރެކްޓަރު ވަނީ ދީފައެވެ.

ސާޖިދު އަލީ ޑައިރެކްޓުކޮށް، އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ 'ހީރު ރަންޖާ' އަކީ 2018 ވަނަ އަހަރު ނެރުނު 'ލައިލާ މަޖުނޫ' ފްރެންޗައިޒްގެ ދެވަނަ ބައެވެ. މި ފިލްމުގެ ލީޑު ރޯލަށް އާ މޫނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނާއިރު، ފިލްމުގެ ކާސްޓިންއާ ގުޅޭގޮތުން ފެތުރެމުންދާ އަޑުތަކަށް އެކްތާ ކަޕޫރުވެސް ވަނީ ފާޑުކިޔައިފައެވެ. ސާރާގެ ފޯކަސް މިވަގުތު ހުރީ 'ދުރަންދަރު 2' އަށް ކަމަށްވާއިރު، އެ ފިލްމުގައި އޭނާ އަދާކުރާ ޔަލީނާގެ ރޯލަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.