ކަރަންޓު ހަރަދު ކުޑަކުރަން ބަންގްލަދޭޝްގެ ޔުނިވަސިޓީތައް ބަންދުކޮށްފިއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ވަނީ މިއަދުން ފެށިގެން އެ ގައުމުގެ ހުރިހާ ޔުނިވަސިޓީތަކެއް ބަންދުކޮށް ދެން ހުޅުވޭނީ އީދު ބަންދަށް ފަހުން ކަމަށް ނިންމައިފައެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ސަރުކާރުން އެގޮތަށް ނިންމާފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އެކަމުގެ ސީދާ އަސަރު ކުރުމާއެކު އަޅަން ފެށި ފިޔަވަޅެއްގެ ގޮތުންނެވެ.

ބަންގްލަދޭޝްގެ އަމިއްލަ ޔުނިވަސިޓީތަކާއި ސަރުކާރުން ހިންގާ ޔުނިވާސިޓީތައްވެސް ބަންދު ކުރަން ނިންމާފައިވާއިރު އޮފިޝަލުން ވަނީ އެކަމުގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ވުމުގެ އިތުރުން ޓްރެފިކް މަދުވެ މަގުތަކުގައި ވެހިކަލް ދުއްވާ ނިސްބަތް ވެސް މަދުވުމުގެ ސަބަބުން އެގައުމުން ތެޔޮ ބޭނުންކުރާ ނިސްބަތް މަދުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެެވެ.

ބަންގްލަދޭޝްގެ ހުރިހާ ސްކޫލްތަކެއް ރޯދަމަހަށް ބަންދުކޮށްފައިވާއިރު ޔުނިވަސިޓީތައް ބަންދުކުރުމުން ކަރަންޓު ބޭނުންކުރުން ވަރަށް ބޮޑަށް މަދުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ތެލުގެ އިތުރުން ބަންގްލަދޭޝް ގޭހަށް ޖެހިފައިވާއިރު އެކަމުގެ ސަބަބުން އިންޑަސްޓްރީ މަސައްކަތްތަކަށް ބުރޫ އަރާފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ބަންގްލަދޭޝުން ވަނީ ދާދިފަހުން ކައްކާ ގޭހުވެ ބޮޑު ޝިޕްމަންޓެއް ބޮޑުއަގުގައި އެތެރެކޮށްފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.