ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވެސް "ދޮރުންދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ޕީއެންސީން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުންނާއި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭގޮތަށް މިއަދުގެ "ދޮރުންދޮރަށް" ހަރަކާތް ފެށީ އާބުރުޖު ހިނގުމުގައި ހުންނަ ޔުނިވާޝަލް އޮފީސް ކުރިމަތިންނެވެ.

މިއަދު މެންދުރު 1:15 ގައި ފެށި އެ ހަރަކާތުގައި ރައީސް ވަނީ މާފަންނު އުތުރުގެ ބައެއް ގެތަކަށް ވަޑައިގެން އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައިފައެވެ. އަދި މަގުމަތިންވެސް ބައެއް ފަރާތްތަކާ ބައްދަލުކުރައްވާފައިވެއެވެ.

ރައީސް ވަނީ އިއްޔެވެސް "ދޮރުންދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. އިއްޔެ "ދޮރުންދޮރަށް" ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ހެންވޭރު އުތުރުގައެވެ.

މިއަދުގެ "ދޮރުންދޮރަށް" ހަރަކާތަކީ ރައީސް މި ރޯދަ މަހުގައި ބައިވެރިވެވަޑައިގަންނަވާ 13 ވަނަ "ދޮރުންދޮރަށް" ހަރަކާތެވެ.

ކައުންސިލް އިންތިހާބުގައި އދ. މާމިގިލި ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ގޮނޑިއަކަށް ޕީއެންސީން ވާދަކުރެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.