އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި އަވަށްޓެރި ގައުމުތަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެ ގައުމުތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

ރައީސް މަސްއޫދު މިއަދު ޔަގީންކަން ދެއްވި ގޮތުގައި، އަވަށްޓެރި ގައުމަކުން އީރާނަށް ހަމަލާއެއް އަމާޒުނުވާހާ ހިނދަކު، ތެހެރާނުން އެއްވެސް އަވަށްޓެރި ގައުމަކަށް ހަމަލާއެއް ނުދޭނެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ޕެޒެޝްކިއަން ވިދާޅުވީ، "އީރާނުގެ ފަރާތުން ހަމަލާ އަމާޒުވި އަވަށްޓެރި ގައުމުތަކުގެ ކިބައިން، އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އީރާނުގެ ނަމުގައި މައާފަށް އެދެން. އަވަށްޓެރި ގައުމުތަކަށް އިތުރު ހަމަލާއެއް ނުދިނުމަށާއި، އެ ގައުމުތަކުން އީރާނަށް ހަމަލާއެއް ނާންނަހާ ހިނދަކު މިސައިލް ހަމަލާއެއް ފޮނުވާނުލުމަށް އިއްޔެ އިންތިގާލީ ލީޑާޝިޕް ކައުންސިލުން ވަނީ އެއްބަސްވެފައި،" ކަމަށެވެ.

ނަމަވެސް، ތެހެރާނުން "އަމާން ނުދޭނެ" ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "އީރާނުގެ ރައްޔިތުން އަމާންދޭނެ ކަމަށް ދެކޭ ދެކުން، ދުޝްމަނުންނާއެކު ކަށްވަޅަށް ގެންދަން ޖެހޭނެ،" ކަމަށެވެ.

އީރާނަށް ހަމަލާދޭން ފެށިތާ މިހާރު ހަފްތާއެއް ވެފައިވާއިރު އެ ހަމަލާތަކުގައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު ވަނީ އަވަހާރަކޮށްލައިފަ އެވެ. އީރާންގެ އަސްކަރީ އެކި މަގާމުތަކާއި އަސްކަރީ މަނަވަރުތަކަށް ކެނޑިނޭޅި ހަމަލާތައްދަނީ ދެމުންނެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ ހާހަކަށް ވުރެ އިތުރުވެފަ އެވެ.