މާއްދީ ތަރިކަ (މެޓީރިއަލް ހެރިޓޭޖް، ބިމު އަޑީގައި ވަޅުލެވިފައި ހުންނަ ތަކެތި)ގެ ގޮތުގައި 2000 ތަން ރާއްޖޭގައި ހުރެދާނެ ކަމަށް ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް އެ މިނިސްޓްރީން ކުރިޔަށްގެންގޮސްފައިވާ ރާއްޖޭގެ ތަރިކަ ހޯދުމުގެ މަސައްކަތުގެ ދަށުނާއި ލިބިފައިވާ މައުލޫމާތުތަކަށްބަލާއިރުގައި 400 ތަން މުޅިން ކަށަވަރު ކުރެވިފައި އެބަހުރި ކަމަށެވެ.

"އެތަންތަނެއް ނުއެއް ކޮނޭ. އެކަމަކު ސްކޭނުތަކުން ދައްކާގޮތުން، މައުލޫމާތުން ބައެއް ތަންތަން ކަށަވަރު ކޮށްފައި އެބަހުއްޓޭ. ލަފާއެބަކުރެވޭ މުޅި ރާއްޖެއަށް ބަލާލާއިރު 2000 އެއްހާތަން. މާއްދީ ތަރިކައިގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށް. އެއީ މިގޮތަށް އެބަލަފާކުރެވޭ." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އާސާރީބިނާތަކާއި އާސާރީތަންތަން ރެކޯޑް ކުރުމަށް އޭގެ އަދަދުތައް ބަލައި، އެ މަސައްކަތް ކުރިޔަށްގެންދާގޮތަށް އަލިއަޅުއްވާލަމުން ނަސީރު ވިދާޅުވީ އެ މަސައްކަތް ތިން ގޮތަކަށް ކުރިޔަށްގެންދާ ކަމަށެވެ.

އެއީ، އެތަންތަން ހިމާޔަތް ކުރަންވާ ގޮތުގެ ގާނޫނުގެ ދަށުން، ކަމާބެހޭ ވުޒާރާއަށް ނުވަތަ ތަރިކަ ރައްކާތެރިކުރުމުގެ މަރުކަޒަށް އެންގުމާއި، ތަރިކަ ރައްކާތެރި ކުރުމުގެ މަރުކަޒުން އިސްވެބައްލަވާ އެތަންތަން ރެކޯޑު ކުރުމުގެ މަސައްކަތާއި، އަދި ބިމުން މައްޗަށް ފެންނަންހުރި ތަންތަނުގެ އިތުރަށް ބިމުގެ އަޑި ސްކޭނުކޮށްގެން ބަލަންޖެހޭ ބެލުންތަކެއްގެ މަސައްކަތްތައް ކަމަށެވެ.

މި ހުރިހާ ކަންކަަމަކީވެސް ސަގާފީ ތަރިކަ ރައްކާތެރި ކުރުުމުގެ މަރުކަޒުން ކުރިޔަށްގެންދާ ކަންކަންކަމަށް މިނިސްޓަރު ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން އެ މިނިސްޓްރީން ކުރިޔަށް ގެންދަން ނިންމފައިވާ މަަސައްކަތްތަކާއި ޕްރޮގްރާމްތަކުގެ ތަފްސީލުތައް މިނިސްޓަރުވަނީ ހިއްސާކުރައްވާފައެވެ.