ރާއްޖޭގައި ޝީޝާ މަނާކޮށް ހަކުރަށްދޭ ސަބްސިޑީ ކަނޑާލައި، އެއިން ޓެކްސް ނެގުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ޝީޝާ ފަދަ ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާއްމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅުންހުރި ކަންކަމަށްވާތީ އެ ކަންތައްތައް ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވަނީ މި ސަރުކާރުން އާންމު ސިއްހަތާ ގުޅުންހުރި އެފަދަ މުހިންމު ފިޔަވަޅުތަކެއް ދާދިފަހުން އަޅާފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ވޭޕްގެ ބާވަތްތައް މަނާކޮށް 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ޕަބްލިކް ހެލްތު ވިސްނުމަކުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ދާނަމަ، ކުރިއަށް އޮތް ތަނުގައި ހަކުރުގެ މައްސަލައަށް ހައްލު ނާންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން އެކި ލެވެލްގައި އެބަ ކުރެވޭ މަޝްވަރާ. ކިހާ ހިސާބެއްގައި ތޯ މުޅިން ތަންފީޒުވެގެން ދާނީ، އެއީ ކަންނޭނގެ އުފެދޭނެ ސުވާލަކީ. އެންމެ މުހިއްމު ދަނޑިވަޅުގައި، މުހިއްމު ހާލަތުގައި، މުހިއްމު ވަގުތުގައި އެކަންކުރުން ވަރަށް މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިއަހަރު އެންމެ އިސްކަންދޭނީ މީހުން ހޭލުންތެރި ކުރުވުމަށް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަންކަމަކީ ހަމައެކަނި ހެލްތު މިނިސްޓްރީއަށް ނިންމޭނެ ނިންމުންތަކެއް ނޫން ކަމަށެވެ. އަދި އެ ފިޔަވަޅު އެޅޭނެ ދުވަހަކަށް ހެލްތު ސެކްޓާއިން އިންތިޒާރުކުރާ ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު