ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވާ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ މައްޗަށް އޮތް ތުހުމަތު ސާބިތު ނުވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމާ އެކު، އެ މަގާމަށް ވަގުތީ ގޮތުން އައްޔަންކޮށްފައިވަނީ ފަރުހާދެވެ.

ކުރީގެ ކޮމިޝަނަރު ޝުޖާއު ރިޓަޔާ ކުރެއްވުމުންވެސް ފުރަތަމަ ފުލުހުންގެ ހިންގުން ހަވާލުކުރީ ފަރުހާދުއާއެވެ. ނަމަވެސް، ފިރިހެން ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން ފަރުހާދުގެ ނުފޫޒު ބޭނުންކޮށްގެން، ދަރިފުޅު ސަލާމަތް ކުރަން އުޅުއްވި ކަމުގެ ތުހުމަތާއެކު ފާޑުކިޔުން އަމާޒުވުމުން އެ ނިންމުން ބަދަލުކޮށް ނަވީނަށް މަގާމު ދިނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ، އެކްޓިން ޕޮލިސް ކޮމިޝަނަރު ފަރުހާދުގެ މައްޗަށް އޮތް ތުހުމަތު ތިން މުއައްސަސާއަކުން ބަލައި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަން އަންގާފައި ނުވާ ކަމަށެވެ. އެ މައްސަލައަކީ ފަރުހާދުގެ މައްޗަށް ސާބިތު ނުވާ މައްސަލައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަކީ ހުރިހާ މީހުންގެ މައްޗަށް ވެސް ކުރެވޭ ތުހުމަތުތައް ރަނގަޅަށް ބަލައި، އޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށްވާ ނަމަ އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން ނުޖެހޭ ފަރާތަކަށް ވާނަމަ ބޭއިންސާފުން ނާއިންސާފުން ފިޔަވަޅެއް ނޭޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެކްޓިން ސީޕީކަން ފަރުހާދަށް ލިބުނީ ގާނޫނުގައި އެގޮތަށް އޮތުމުން ކަމަށެވެ. އެގޮތުން ސީޕީގެ މަގާމު ހުސްވާ ހާލަތުގައި އެ މަގާމަށް ޑެޕިއުޓީ ސީޕީއަކަށް ހުންނަވާ ބޭފުޅަކު ވަގުތީ ގޮތުން އައްޔަން ވާން ޖެހޭ ކަމަށް ގާނޫނުގައިވެއެވެ.