އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިހާރު ފަށައިގެންއުޅޭ ހަގުރާމައަށް އަވަސް ނިމުމެއް ގެނައުމުގެ ރޫހު އެމެރިކާގައި ވަރަށް ބޮޑެވެ. އެމެރިކާގެ ވަރަށް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ޓްރަމްޕު ފަށައިގެން އުޅޭ ޣައިރުގާނޫނީ ހަގުރާމައެކެވެ. މިޒާތުގެ ހަގުރާމަތަކުގެ ތެރެއަށް ވަނުން ބޮޑުތަނުން ޓްރަމްޕުގެ މިދައުރުގައި ވަނީ އިތުރުވެފައެވެ. އެހެންވީމާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެމެރިކާގެ ސިފައިން ފޮނުވައިގެން މިޒާތުގެ ޣައިރުގާނޫނީ ހަގުރާމަތައް ކުރުމަަށް ރައީސަށް ލިބިދޭ ބާރުތައް ހަނިކޮށް ޓްރަމްޕުގެ ފިޔަ ކޮށައިލުމުގެ ވިސްނުން މިހާރު އަންނަނީ ގަދަވަމުންނެވެ. ޓްރަމްޕުގެ ފިޔަ ކޮށައިލެވޭނީ ގާނޫނުހަދާ މަޖިލީހަށެވެ. އެތަނުގައި ފާސްކުރާ ފާސްކުރުމަކުންނެވެ. ހަގުރާމަ ހުއްޓާލަން ޓްރަމްޕަށް މަޖުބޫރުވާ ކަހަލަ ގަރާރެއް ގާނޫނުހަދާ މަޖިލީހަށް މިހާރު ވަނީ ހުށައެޅިފައެވެ. މި ގަރާރަށް މި ހަފުތާގައި ވޯޓަށް އަހާނެއެވެ. މިއީ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ހުށައަޅުއްވާފައިވާ ގަރާރެކެވެ.
އެމެރިކާ ސިފައިން އެކި ތަންތަނަށް ފޮނުވައިގެން ހަގުރާމަ ކުރުމުގެ ބާރު ރައީސަށް ލިބިދެނީ 1973 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނަކުންނެވެ. މި ގާނޫނުގައި ކަނޑައެޅިގެން ބުނަނީ ގާނޫނުހަދާ މަޖިލީހުގެ ރުހުން ނެތި އެއްވެސް ބަޔަކާ ދެކޮޅަށް ހަގުރާމައެއް ނުކުރެވޭނެ ކަމުގައެވެ. އެފަދަ ކަމެއް ކުރަން އެމެރިކާގެ ސިފައިންވެސް ނުފޮނުވޭނޭ ކަމުގައެވެ. ގާނޫނުހަދާ މަޖިލީހަށް ނިސްބަތްވާ ވަރަށް ގިނަ މެންބަރުން ވިދާޅުވަނީ އީރާނުގެ ކައިރިޔަށް ސިފައިންގެ ބޮޑު ލަޝްކަރެއް ޖަމާކުރީވެސް ގާނޫނާ ޚިލާފަށް ކަމުގައެވެ. އަދި އެންމެފަހުން އީރާނަށް ހަމަލަދީ ހަގުރާމަފެށީވެސް ގާނޫނާ ޚިލާފަށް ކަމުގައެވެ. މިހެން ވިދާޅުވާ ގިނަ މެންބަރުން ނިސްބަތްވަނީ ޑިމޮކްރަޓިކް ޕާޓީއަށެވެ. އެއީ މިވަގުތު ވެރިކަމުގައި ހުރި ޓްރަމްޕުގެ ޕާޓީއެއް ނޫނެވެ. ޓްރަމްޕު ނިސްބަތްވަނީ ރިޕަބްލިކަން ޕާޓީއަށެވެ. މިފަދަ މެންބަރުންގެ ވިދާޅުވުންތަކުގެ ޖަވާބުގައި ޓްރަމްޕުގެ ސަރުކާރުން ބުނަނީ ކީކޭބާވައެވެ. ދައްކަނީ ކޮން ހުއްޖަތެއް ބާވަައެވެ.
ޓްރަމްޕާއި އޭނާގެ ވަޒީރުން ބުނަނީ މިހެންނެވެ. ގާނޫނުހަދާ މަޖިލީހަށް ހުށައަޅައިގެން އެ މަޖިލީހުގެ ރުހުން ހޯދައިގެން މިކަންކުރަން ވަގުތުވެސް ނުލިބުނީއެވެ. އީރާނުގެ ފަރާތުން އެމެރިކާއަށް އޮތް ކުއްލި ބިރު މާބޮޑުވީ އެވެ. އެކަމަކު އެއީ ކޮން ބިރެއްކަން ޓްރަމްޕުގެ ޚާރިޖީވަޒީރަށްވެސް އަދި ދިފާއީވަޒީރަށްވެސް ބުނެއެއް ނުދެވުނެވެ. އެންމެފަހުން އެއްބަސްވާން މަޖުބޫރުވީ އިޒްރޭލު އެކަނި ހަގުރާމަކުރަން ދޫކޮށްނުލަންވެގެން އިޒްރޭލާ ބައިވެރިވީ ކަމުގައެވެ. މިއީ އިޒްރޭލަށްޓަކައި ކުރާ ހަގުރާމައެއް ކަމުގައެވެ. ކޮންމެއަކަސް ޓްރަމްޕު މިފެށި ހަގުރާމަ އެވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އަދިވެސް ދާނީ އިތުރަށް ފެތުރެމުންނެވެ. ގަލްފުގެ ހުރިހާ ގައުމަކާއި ސީރިޔާއާއި ޖޯޑަނާއި ލުބުނާނާއި ސައިޕްރަސްއަށްވެސް އެދަނީ ހަމަލާތައް އަމާޒުވަމުންނެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ ސިފައިންނާއި އާއްމުންވެސް ހިމެނެއެވެ. އީރާނުން މަރުވި އަދަދު ވަނީ ހާހަކަށް އަރައިފައެވެ. ލިބުނު ގެއްލުންތައް އަންދާޒާ ކުރަން ފަސޭހަވަރަށްވުރެ ބޮޑެވެ.
ހަގުރާމަ އިއުލާނު ކުރުމާއި ހަގުރާމަ ކުރުމުގެ ބާރު ރައީސަށް ލިބިދޭ ގާނޫނުގައި ބުނަނީ ހަގުރާމައެއް ކުރަންޖެހޭ ސަރަހައްދަކަށް ސިފައިން ފޮނުވަން ޖެހޭނީ ގާނޫނުހަދާ މަޖިލީހަށް އެކަން އަންގައި މަޝްވަރާކުރުމަށްފަހު ކަމުގައެވެ. އަދި ކަންކަން ބަދަލުވަމުން ފުރޮޅެމުންދާ ގޮތުގެ މައުލޫމާތު ބަރާބަރަށް އެ މަޖިލީހަށް ދޭންވާނޭ ކަމުގައެވެ. ގާނޫނުގައި މިހެންެއޮތަސް މިއިން އެއްވެސް ކަމެއް ރައީސް ޓްރަމްޕު ނުކުރެއެވެ. މިފަހަރު އެކަންޏެއް ނޫނެވެ. އެއްވެސް ފަހަރަކު ނުކުރެއެވެ. ހުސްވި އަހަރުގެ ޖޫންމަހު ބާރަދުވަސް ވަންދެން އީރާނާ ދެކޮޅަށް ހަގުރާމަކުރީ ގާނޫނުހަދާ މަޖިލީހުގެ ރުހުން ހޯދައިގެނެއް ނޫނެވެ. އަދި ވެނެޒުއެލާއާ ދެކޮޅަށް މިއަހަރުގެ ޖެނުއަރީމަހު އެ ހިންގިހައި ކަންތައް ހިންގީވެސް ގާނޫނުހަދާ މަޖިލީހުގެ މަޝްވަރާޔާއި އިޒުނަ ލިބިގެނަކުން ނޫނެވެ. މިފަހަރުވެސް ހަމަ އެހެންނެވެ. ހަގުރާމަ ފެށުމަށްފަހު މިހެން ހަދައިފީމޭ އެހެން ހަދައިފީމޭ ބުނަން ދެތިން ވަޒީރަކު ގާނޫނުހަދާ މަޖިލީހަށް ފޮނުވިއެވެ. ރޫބިއޯ އާއި ހެގްސެތެވެ.
ކުރިން ބަޔާންކުރެވުނު ގާނޫނުގައިވާ ގޮތުން އެއްވެސް ސަރަހައްދަކަށް ހަގުރާމައިގެ ލަޝްކަރެއް ފޮނުވާ ވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭގައި އެކަން ގާނޫނުހަދާ މަޖިލީހަށް އަންގައި އެ މަޖިލީހުގެ ރުހުން ހޯދަންވާނެއެވެ. އީރާނުގެ ކައިރިއަށް ބޮޑު އަރުމާދެއް ޖަމާކޮށްގެން އެއްމަސްވީއިރުވެސް އެހުއްދައެއް ނުހޯދައެވެ. މަޝްވަރާއެއްވެސް ނުކުރެއެވެ. ވަކިން ޚާއްސަކޮށް ހަގުރާމައެއް ކުރެވޭނީ ގާނޫނުހަދާ މަޖިލީހުގެ ހުއްދަ ލިބިގެންކަމަށް ބުނާ ބުނުމަށް އިހުތިރާމެއް ނުކުރެއެވެ. މީގެ ޖަވާބުގައި ޓްރަމްޕު ބުނަނީ ކީކޭބާވައެވެ. އޭނާ ބުނެއެވެ. އަސްތާއެވެ. މިއީ ގާނޫނުގައި އެބުނާ ކަހަލަ ހަގުރާމައެއް ނޫނެވެ. އެކަހަލަ ހަގުރާމައެއް ކުރެވޭނީ އެއްގަމު ސިފައިންވެސް ފޮނުވައިގެންނެވެ. އަހަރެމެން އެކަހަލަ ފައުޖެއް ނުފޮނުވަމެވެ. މިކުރާ ކަމަކީ ވައިގެ މަގުން އެތަނަކަށް މިތަނަކަށް ބޮންކޮޅެއް ވައްޓައިލައިގެން ހިންގާ ކުޑަވަރެއްގެ އޮޕަރޭޝަނެކެވެ. ކުރީފަހަރުވެސް ޓްރަމްޕު ދެއްކީ ހަމަ މިޒާތުގެ އުޒުރެކެވެ. ބުންޏެވެ. މިއީދެން ހަގުރާމައެއް ހެއްޔެވެ.
ޓްރަމްޕުގެ ޗަރުކޭސް ބަލަން ލައްކަ ދުވަހު ތިބެވިއްޖެއެވެ. އެންމެފަހުން އެއޮތީ ގާނޫނުހަދާ މަޖިލީހަށް ގަރާރެއް ހުށައަޅައިފައެވެ. މި ގަރާރާމެދު ވޯޓަށް އަހާނީ މިރެއެވެ. ފަހަރުގައި ފާސްވެދާނެއެވެ. ފާސްވެއްޖެނަމަ ރައީސް ޓްރަމްޕަށް އެކަން ވީޓޯ ކުރެވިދާނެއެވެ. ވީޓޯގެ ބާރު ދުއްވައިލެވޭނީ މަޖިލީހުގެ ދެ ގޭގައިވެސް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެވަރުވާނީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުންވެސް ވޯޓު ދީގެންނެވެ. މިހާރުވެސް ހަގުރާމަޔާ ދެކޮޅު މެންބަރުން އެބަތިއްބެވިއެވެ. އެކަމަކު ތިންބައިކުޅަ ދެބައި ހާސިލްކުރެވިދާނެކަމާ މެދު ޝައްކެވެ. މި ގަރާރު ފާސްވެއްޖެނަމަ އީރާނާ ދެކޮޅަށް އަސްކަރީ އެއްވެސް ފިޔަވަޅެއް ދެން އިތުރަށް އެޅޭނީ ގާނޫނުހަދާ މަޖިލީހުގެ އިޒުނަ ލިބިގެންނެވެ. އޭރުން ހަމަ ހިތަށްއެރީމާ ހިތަށް އެރިހައި އިރަކު ހިތަށް އެރިހައި ކަމެއް ކުރުމުގެ މަގު ޓްރަމްޕާއި އޭނާގެ ޓީމަށް ބަންދުވާނެއެވެ. ފިޔަ ހުންނާނީ ކޮށިފައެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ