ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދު އެކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމާއެކު އެންމެ ފަހުގެ ޓެކްނޮޖަލީގެ އެހީގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުވޭނެ ކަމަށް ބީއެމްއެލުން ދެކެއެވެ.

ބީއެމްއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ.

ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ 100 ޕަސަންޓު ދިވެހި އުފެއްދުމެކެވެ. އެ ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

މިދިޔަ ޖަނަވަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށްފަހު ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް އެ ވޮލެޓުގެ މައިގަނޑު ފީޗާތައް ތަޖުރިބާ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން ޕާސަން-ޓުޕާސަން ޓްރާންސްފާތަކާއި ކިއުއާރު ޕޭމަންޓް އަދި އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލައިލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ހިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް ހުޅުވައިލައިފައެވެ.

އެ އެއްބަސްވުމަކީ މިދިޔަ އަހަރު ބީއެމްއެލް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރެވުނު ސްޓްރެޓިޖިކް ޕާޓްނާޝިޕްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.

ބީއެމްއެލުން ބުނީ އެ ޕާޓްނާޝިޕްގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް އަވަހަށް ފޯރުކޮށްދިނުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަގުބޫލުކަން އިތުރުކުރުން ކަމަށެވެ.