ރޯދަ މަހަކީ ހަމައެކަނި ބޮޑެތި މީހުންނަށް އޮތް އަޅުކަމުގެ މޫސުމެއް ނޫނެވެ. ގޭތެރެއިން ދުވާ މީރުވަހާއި، އިވޭ ޤުރުއާންގެ އަޑާއި، ރޭގަނޑުގެ އަޅުކަންތަކަކީ ކުޑަކުދިންގެ ހިތްތަކުގައި ވެސް ޝައުޤުވެރިކަން އުފައްދާ ކަންކަމެވެ. "މަންމަ ނުކައި ތިހުންނަނީ ކީއްވެ؟" ނުވަތަ "އަހަރެން ވެސް ރޯދަ ހިފަން ބޭނުން،" މިއީ ކުޑަކުދިންގެ ފަރާތުން ވަރަށް ގިނައިން އިވޭނެ ވާހަކަތަކެވެ. މިއީ އެކުދިންގެ ހިތްތަކުގައި މި މާތް މައްސަރުގެ ލޯބި ޖައްސައި، އިސްލާމީ ރިވެތި އާދަތައް ދަސްކޮށްދިނުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތެވެ.
މި ލިޔުމުގައި މި ހިމަނާލާނީ ކުދީންނާ ގުޅޭގޮތަށް، އާއިލާއެއްގެ ގޮތުގައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
ގޭތެރެ ޒީނަތްތެރިކުރުމުގައި ބައިވެރިކުރުން
ރޯދަ މަހަކީ ޚާއްސަ މެހުމާނެއް އަންނަ މަހެއް ފަދަ މަހެކެވެ. އެހެންކަމުން ގޭތެރެ ޒީނަތްތެރިކުރުމަކީ ކުދިންނަށް ވަރަށް މަޖާ އަދި އުފާވެރި ކަމަކަށް ވާނެއެވެ.
- ކުލަބޮކި ދިއްލުން: ކުދިން ގޮވައިގެން ގޭގެ ސިޓިންރޫމް ނުވަތަ ކުދިންގެ ކޮޓަރީގައި ރީތި ބޮކިފަތިތައް ދަމާލާށެވެ.
- އަތްތެރި މަސައްކަތް: ކަރުދާހުން "ފާނޫޒު" ނުވަތަ ލާންޓަން ހަދައި، "ރޯދަ މުބާރަކް" ޖަހާފައިވާ ބެނާތައް ހެދުމުގައި ކުދިން ބައިވެރިކުރާށެވެ.
- މާނަ ކިޔައިދިނުން: މިކަންކަން ކުރަމުންދާއިރު، އަހަރެމެން މިކަން މިކުރަނީ ﷲ ގެ ޚާއްސަ ރަހުމަތްތައް މިމަހުގައި ވާތީކަން ކުދިންނަށް ވިސްނައިދޭށެވެ.
ރޯދަ ވީއްލާ ގަޑީގެ އުފާވެރިކަން
ކުޑަކުދިންނަށް އެންމެ އުފާވެރި ވަގުތަކީ މުޅި އާއިލާ އެއްކޮށް ސުފުރާދޮށަށް ޖަމާވާ ވަގުތެވެ. ބަދިގޭގެ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުމަކީ އެކުދިންނަށް ލިބޭ ފަހުރެކެވެ.
- ސުފުރާ ތައްޔާރުކުރުން: ތަށިތައް އަތުރާލުމާއި، ކަދުރު ތަށި ތައްޔާރުކުރުމާއި، ފަނި ގިރުން ފަދަ ކުދިކުދި ކަންކަން ކުދިންނާ ހަވާލުކުރާށެވެ.
- ހެދިކާ ހެދުން: ބަޖިޔާ ނުވަތަ ގުޅަ ހަދާއިރު، ކުދިންނަށް ވެސް ފުށްގަނޑު މޮޑެން ނުވަތަ ބައްޓަން ހަދަން ފުރުސަތު ދޭށެވެ. މިއީ އެކުދިންނަށް ވަރަށް ޚާއްސަ ހަނދާނަކަށް ވާނެއެވެ.
ދީލަތިކަމާއި އެހީތެރިކަން ދަސްކޮށްދިނުން
ރޯދަ މަހަކީ ނިކަމެތިންނަށް އެހީވުމުގެ މަހެވެ. ބަނޑުހައިހޫނުކަން އިހުސާސްވުމުން، ކާއެތިކޮޅެއް ނުލިބި ތިބޭ މީހުންގެ ހާލު ކުދިންނަށް ކިޔައިދޭށެވެ.
- ސަދަޤާތް ފޮށި: ގޭގައި ކުޑަ ފޮށިކޮޅެއް ހަދައި، ކޮންމެ ދުވަހަކުވެސް އެއަށް ލާރިކޮޅެއް ލުމަށް ކުދިންނަށް ބާރުއަޅާށެވެ. މަސް ނިމުމުން އެ ފައިސާ ނިކަމެތި ކުއްޖަކަށް ނުވަތަ މިސްކިތު ފަންޑަށް ހަދިޔާކުރެވިދާނެއެވެ.
- ތަށިބަރި ބެހުން: އަވަށްޓެރިންނަށް ނުވަތަ އާއިލާގެ މީހުންނަށް ރޯދަ ވީއްލާ އެއްޗެހި ހިފައިގެން ދިއުމުގައި ކުދިން ބައިވެރިކުރާށެވެ. މިއީ މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ދަސްކޮށްދެވޭނެ ރީތި އާދައެކެވެ.
- ރޯދަމަހު ނިކަމެތިންނަށް އިފްތާރު ބަހާ ފަރާތްތަކާއެކު ކުދިން ގޮވައިގެން ވޮލަންޓިއާ ކުރުމުން އޭގެ މުހިންމުކަން ޅަ އިރުއްސުރެ ކުދިންނަށް ދަސްވެގެންދާނެއެވެ.
އިސްލާމީ ވާހަކަތަކާއި އަޅުކަން
ޓީވީ ނުވަތަ ޓެބްލެޓްގެ ބަދަލުގައި، ކުދިންނާއެކު ވަގުތު ހޭދަކޮށް އިސްލާމީ ތާރީޚުގެ ވާހަކަތައް ކިޔައިދިނުން މުހިންމެވެ.
- ނަބީބޭކަލުންގެ ވާހަކަ: ކުދިންނާ ގުޅޭގޮތަށް، ޝައުގުވެރި އުސޫލަކުން ނަބީބޭކަލުންގެ ވާހަކަތައް ކިޔައިދޭށެވެ. ޚާއްސަކޮށް ޤުރުއާން ބާވައިލެއްވުނު ގޮތުގެ ވާހަކަ ކިޔައިދިނުން ވަރަށް މުހިންމެވެ.
- ކުޑަކުދިންގެ ނަމާދު: ބޮޑެތި މީހުންނާއެކު ނަމާދުގައި ބައިވެރިވުމަށް ހިތްވަރު ދޭށެވެ. ގޭގައި "މިސްކިތް ކޯނަރ" އެއް ހަދައި، ކުދިންނަށް ޚާއްސަ މުސައްލައެއް ބޭއްވިދާނެއެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ ލޯތްބާއި އޯގާތެރިކަމެވެ. ކުދިންނަށް ރޯދަ މަސް ވާންވާނީ ބުރަ އަދި އުނދަގޫ މަހަކަށް ނޫނެވެ. އޭގެ ބަދަލުގައި އެއީ އާއިލީ ގުޅުން ބަދަހިވެ، ހިތްހަމަޖެހުން ލިބޭ، އަދި ﷲ އަށް ކުއްތަންވުމުގެ އުފާ ލިބިދޭ މައްސަރެއްގެ ގޮތުގައި އެކުދިންނަށް އިޙްސާސްކޮށްދޭށެވެ. މިއަދު ތިޔަ ކޮށްދެއްވާ ކުޑަކުޑަ ކަމަކީ، އެކުދިންގެ މުޅި އުމުރަށް ދެމިގެންދާނެ ފޮނި ހަނދާނަކަށް ވެގެންދާނެއެވެ.




ރޯދަ 2026
ރޯދަ 2026
ރޯދަ 2026