މަޝްހޫރު ތެލިނގޫ ފިލްމީ ތަރި ވިޖޭ ދޭވަރަކޮންޑާ، އިންޑިއާގެ ތެލަންގާނާ ސްޓޭޓްގެ ސަރުކާރު ސްކޫލްތަކުގައި ކިޔަވަމުން އަންނަ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ޚާއްސަ ސްކޮލަޝިޕް ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ. މިއީ އޭނާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، "ދަ ދޭވަރަކޮންޑާ ފައުންޑޭޝަން" މެދުވެރިކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މިކަން އިއުލާނުކޮށްފައިވަނީ ވިޖޭ އާއި އޭނާގެ އަލަތު އަނބިމީހާ އަދި މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ، ވިޖޭގެ އުފަން ރަށް ކަމަށްވާ ތެލަންގާނާގެ ތުމަނަޕެޓާއަށް ކުރި ޒިޔާރަތެއްގައެވެ. މި ޒިޔާރަތަކީ އެރަށުގައި ވިޖޭ އިމާރާތްކުރި އާ ގެއަށް ވަނުމުގެ ރަސްމިއްޔާތާ ގުޅިގެން ކުރި ދަތުރެކެވެ.
މި ސްކޮލަޝިޕް ޕްރޮގްރާމްގެ ތަފްސީލު އާންމުކުރަމުން ވިޖޭ ބުނެފައިވަނީ، މިއީ ތެލަންގާނާގެ ނާގަރުކަރްނޫލް ޑިސްޓްރިކްޓްގެ އަޗަމްޕެޓް ސަރަހައްދުގައި ހުންނަ 44 ސަރުކާރު ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދެވޭ އެހީއެއް ކަމަށެވެ. މި އެހީގެ ދަށުން އެ ސްކޫލްތަކުގެ ގްރޭޑް 9 އަދި 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން މާލީ އެހީތެރިކަމަށް ބޭނުންވާ ކުދީންނަށް ކިޔެވުމުގެ ޚަރަދުތައް ހަމަޖައްސައިދެވޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވިޖޭ ބުނީ، އޭނާގެ އުފަން ރަށާއި އެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރިވުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. މީގެ ފަހުން ގިނަގިނައިން ރަށަށް ޒިޔާރަތްކުރާނެ ކަމަށްވެސް އޭނާ ވަނީ ވައުދުވެފައެވެ. މި އިއުލާނާއެކު އެރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މި ހަރަކާތުގައި ވިޖޭގެ މަންމަ މާދަވީ އާއި ކޮއްކޮ އާނަންދް ދޭވަރަކޮންޑާވެސް ބައިވެރިވިއެވެ.
މި ސްކޮލަޝިޕް އިއުލާނުކޮށްފައި މިވަނީ، ވިޖޭ އާއި ރަޝްމިކާގެ ކައިވެނި މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އުދައިޕޫރުގައި ކުލަގަދަކޮށް ބޭއްވުމަށްފަހުގައެވެ. ކައިވެނީގެ އުފަލުގައި މި ދެމަފިރިން ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުންނަ 16 ފައްޅިއަކަށް ކާބޯތަކެތި ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ. މީގެ އިތުރުން، މިއަދު ހައިދަރުއާބާދުގައި ކައިވެނީގެ ޚާއްސަ ރިސެޕްޝަނެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
ވިޖޭ ދޭވަރަކޮންޑާއަކީ މީގެ ކުރިންވެސް "ދޭވަރަސަންޓާ" ގެ ނަމުގައި ކޮންމެ އަހަރަކުވެސް އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަންނާނެކެވެ. މީގެ ކުރިން އޭނާ ވަނީ އަމިއްލަ ޚަރަދުގައި 100 އަށްވުރެ ގިނަ މީހުން މަނާލީއަށް ޗުއްޓީ ހޭދަކުރުމަށް ފޮނުވައިދީފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް