މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް"، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފޯމު ހުށަހެޅުމުގައި މައުލޫމާތު ފުރިހަމަ ނުކޮށް ނުވަތަ ނުބައި މައުލޫމާތު ހުށަހެޅިފައިވާ ފަރާތްތަކަށް ފޯމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްރަކްޗާ މިނިސްޓްރީން މިއަދު ބުނީ ޕޯޓަލްގެ މެނޫ ޓެބުން ޝަކުވާ ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ޓެބެއް ފެންނާނެ ކަމަށެވެ.

އެ ޓެބްގެ ޒަރިއްޔާއިން "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފޯމު ހުށަހެޅުމުގައި މައުލޫމާތު ފުރިހަމަ ނުކޮށް ނުވަތަ ނުބައި މައުލޫމާތު ހުށަހެޅިފައިވާ ފަރާތްތަކަށް ފޯމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކުރީ ފާއިތުވި މަހުގެ 26 ގައެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ، ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މާޗް މަހުގެ 4 ވަނަ ދުވަހަށް ހަމަވާނެއެވެ. އަދި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އޮތީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށެވެ

ނަމަވެސް މިހާރު ދެ ބަޔަށްވެސް އޭޕްރީލް މަހުގެ ނިޔަލަށް ފުރުސަތު ލިބޭނެއެވެ.

ސަރުކާރުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ފެށި މި މަޝްރޫއުގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓް މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްފައިވާ އިރު، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައިނުވާ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ.