ފެންބިލު ދައްކައިގެން، ޑޮމެސްޓިކް ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެމްޑަބްލިޔުއެސްސީން ފަށައފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެކުންފުނީގެ އީޕޯޓަލް އަދި އެޕް މެދުވެރިކޮށް ގަވައިދުން ފެން ބިލަށް ފައިސާ ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް، ކޮންމެ މަހަކު 3،000 ރުފިޔާ އަދި އުމްރާ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފައިވާ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދަނީ "ހަދިޔާ ބަދިޔާ" ގެ ނަމުގައެވެ.

"މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާ އެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިޔުއެސްސީގެ އެޕް އަދި އީ-ޕޯޓަލް އަށް އަހުލުވެރިކޮށް، އެޕް އަދި އީ-ޕޯޓަލް ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުން." ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ބިލް ދެއްކުމަށް ކައުންޓަރުތަކަށް ދިއުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރުއެޅުމާއި، ކައުންޓަރަށް ދިއުމުގެ ބަދަލުގައި އެޕް އަދި އީ-ޕޯޓަލް މެދުވެރިކޮށްގެން ބިލްދައްކައިގެން ވަގުތު ސަލާމަތްކުރުމާއި، އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން މަސްދުވަހަށެވެ. އެއީ މިމަހުންގެ ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

2 މާޗް 2026: ފެންބިލު ދައްކައި ޑޮމެސްޓިކް ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް --- ފޮޓޯ. އެމްޑަބްލިޔުއެސްސީ

މި މިޕްރޮމޯޝަންގައި ބައިވެރިވެވޭ ކަސްޓަމަރުންގެ ޝަރުތުތައް:

  • އެމްޑަބްލިއުއެސްސީ ގެ ޑޮމެސްޓިކް ކަސްޓަމަރަކަށް ވުން
  • ޕްރޮމޯޝަން ގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިއުއެސްސީ ގެ އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން (ބިލަށް ފައިސާ ދައްކާ ފަރާތް)
  • ޕްރޮމޯޝަން ގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުން.

މި ޕްރޮމޯޝަންގައި އުމްރާ ދަތުރަށް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް އިއުލާންކުރާ ތާރީހުން ފެށިގެން އެމްޑަބްލިޔުއެސްސީން ދޭ މުއްދަތުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ޖެހެއެވެ. އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު އޮވެއެވެ.

ނަސީބުވެރިން ހޮވުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ގުރުއަތުލުން ކުރިއަށްދާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިންނެވެ.

ނަސީބުވެރިންގެ މައުލޫމާތު ރަސްމީކޮށް އިއުލާނުކުރުމުގެ އިތުރުން، އެ ފަރާތްތަކަށް ސީދާ ގުޅައިގެން އެކަން އަންގާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. ގުރުއަތުން ހޮވޭ ފަރާތްތައް ރަސްމީކޮށް އިއުލާނުކުރަނީ އެމްޑަބްލިއުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނާ މައުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީހު ކަސްޓަމަރުންނާއި ފަހުން ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑިޖިޓަލްކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން ތަޖުރިބާކުރުމަށް، މި ޕްރޮމޯޝަންގެ ދަށުން ހުށަހެޅިފައިވާ އަގުހުރި އިނާމުތައް ހޯދުމަށް އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބައިވެރިވެގެން މިފުރުސަތުގެ ބޭނުން ކުރުމަށް ހުރިހާ ކަސްޓަމަރުންނަށް އެމްޑަބްލިޔުއެސްސީން އިލްތިމާސްކުރެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން އެހީތެރިކަން ލިބޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.