މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުވެ، ފުލައިޓުތައް ކެންސަލްކުރުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި "ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް" ގާއިމުކޮށް، އެއާޕޯޓުގައި ތިބި 130 ފަސިންޖަރަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން މިރޭ ބުނީ ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފައިވާ ކަމަށެވެ. އެގޮތުން ވީއައިއޭގައި "ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް" ގާއިމުކޮށް މިއަދު ވަނީ ހިދުމަތް ދޭން ފަށާފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ މަސައްކަތުގެ ދަށުން ފަސިންޖަރުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި، ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް މިހާރު އަންނަނީ ބޭނުންކުރަމުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

"މި މަސައްކަތުގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު، ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ވަނީ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދެވިފައި. ގުޅުންހުރި ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު 28 ފެބްރުއަރީ 2026 ގައި ޖުމްލަ ނުވަ ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިވެފައިވެއެވެ. 1 މާރިޗު 2026 ގައި 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި، ކުރިމަތިވެފައިވެއެވެ،" އެމްއޭސީއެލުން ބުންޏެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ، ވިޒިޓް މޯލްޑިވްސްގެ އިތުރުން އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އަދި ޕަސެންޖަރުންނަށް އެހީތެރިވުމަށްޓަކައި އެއާލައިންތަކުގެ ހާއްސަ ސާވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި މިހާރު ވަނީ ހުޅުވާފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ބައެއް ފްލައިޓުތަކަށް ބަދަލު އައި ނަމަވެސް، ވީއައިއޭގެ އާންމު އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް ނާރާ ކަމަށާއި، އެއާޕޯޓުގެ ހިދުމަތްތައް އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.