ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 10 ޕަސެންޓް އުފުލިއްޖެއެވެ.

ދުނިޔޭގެ އިގްތިސޯދު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ވަނީ ތެލުގެ އަގު އުފުލެން ފަށާފައިވާކަމަށާއި އިއްޔެއިން ފެށިގެން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު %10 އަށް މަތިވެ 80 އެމެރިކާ ޑޮލަރަށް އަރާފައިވާކަމަށް ބުނެފައެވެ.

އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ދިން ހަމަލާއާ އެކު މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުވެ އެންމެ ފަހުން ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އިރާނުން ހަމަލާދޭން ފަށާފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށް މަތިވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިން އިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 73 އެމެރިކާ ޑޮލަރުގައެވެ.

އިރާނުން ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާ ދޭން ފަށާފައިވާއިރު ދުނިޔޭގެ ބޮޑެތި ތެޔޮ ސަޕްލަޔަރުން ވަނީ އެ ސަރަހައްދުން ކުރަމުން އަންނަ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ. އެގޮތުން ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށް އުފުލާ ސާފު ނުކުރާ ތެލާއި ކައްކާ ގޭސް ސަޕްލައިކުރުން ހުއްޓިފައިވާކަމަށް ދިރާސާތަކުން ހާމަވެފައިވެއެވެ.

ހޮރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ތެޔޮ އުފުލާ މައިގަނޑު އެއް މަގެވެ.