ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތައް މާދަމާ ފެށުމަށް ނިންމަވައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މީޑިއާއާއެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މީޑިއާއާ ސީދާ އެ މަނިކުފާނު ބާއްވަވާ ބައްދަލުވުންތައް އިތުރުކުރައްވާނެ ކަމަށެވެ. އަދި މި މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސް ބާއްވަވާ ޕްރެސް ކޮންފަރެންސެއް މާދަމާ ހެނދުނު 10:00 ގައި ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށެވެ.

"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމިހުންނާނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ކެބިނެޓްގެ ކޮންމެ މިނިސްޓަރަކު ވެސް ހަފުތާއަކު އެއްފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ރައީސް ވަނީ ދައުލަތުގެ ބަޖެޓުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާކަންވެސް ފާހަގަކުރައްވައިފައެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ބޮޑެތި ކުލީގައި އޮފީސްތައް ހިނގަން ޖެހިފައިވާތީ މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށް، ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ނެގޭނެ މީޑިއާ ވިލެޖު ބޭނުންކުރުމުގެ ފުރުސަތު މި އަހަރުގެ މެދެއްހާ ހިސާބުގައި ހުޅުވާލާނެ ކަމަށެވެ.