މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކ. ގުޅިއަށް އަލަށް ގެންދިޔަ އިންޖީނު ބަހައްޓައި ހިދުމަތްދޭން ފަށައިފިއެވެ.

ސްޓެލްކޯ އިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގުޅިއަށް ގެންގޮސްފައިވަނީ 800 ކިލޯވޮޓުގެ އިންޖީނެކެވެ.

ސްޓެލްކޯ އިން ބުނީ އަލަށް ގެންދިޔަ އިންޖީނުން ހިދުމަތްދޭން ފެށި، އެ އިންޖީނާއެކު ޕަވާ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 1904 ކިލޯވޮޓަށް އިތުރު ކުރެވިފައި ކަމަށެވެ.

ރަމަޟާން މަހަކީ އާންމުކޮށް ކަރަންޓު ބޭނުންކުރާ އަދަދު އިތުރު މަހަކަށްވުމާއެކު، ރަށްރަށުގައި މެދުކެނޑުމެއްނެތި ހިދުމަތްދިނުމަށްޓަކައި، އެ މަހާ ދިމާކޮށް ސްޓެލްކޯ އިން އިންޖީނު ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރަމުންދެއެވެ.