ބޮޑު މަގުބޫލުކަމެއް ހޯދި އަދި އެހާމެ ބޮޑެތި ބަހުސްތަކެއް އުފެދުނު ފިލްމު "ދަ ކެރެލާ ސްޓޯރީ" ގެ ދެވަނަ ބައި، "ދަ ކެރެލާ ސްޓޯރީ 2: ގޯސް ބިޔޯންޑް" ޝަރުއީ މަރުހަލާތަކަކަށްފަހު ސިނަމާތަކަށް އަތުވެއްޖެއެވެ. ކެރެލާ ހައިކޯޓުން ފިލްމު ދެއްކުން މަނާކޮށް ނެރުނު ވަގުތީ އަމުރު އުވާލުމާއެކު، ފެބުރުއަރީ މަހުގެ ފަހުކޮޅު މި ފިލްމު ވަނީ އާންމުންނާ ހަމައަށް އައިސްފައެވެ.
ޑައިރެކްޓަރުގެ ބަދަލާއި އާ ތަރިން
މި ފަހަރުގެ ފިލްމުގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ފުރަތަމަ ފިލްމު ޑައިރެކްޓްކުރި ސުދިޕްތޯ ސެން މި ޕްރޮޖެކްޓުގައި ބައިވެރިވެފައި ނުވުމެވެ. ރިޕޯޓުތައް ބުނާގޮތުގައި ސުދިޕްތޯ ސެން މި ފިލްމު ޑައިރެކްޓް ނުކުރަން ނިންމީ، ފުރަތަމަ ފިލްމަށް ހެދި ފަދަ ފުން ދިރާސާތަކެއް މި ފިލްމަށް ހަދަން ވަގުތު ނެތުމުންނެވެ. އޭނާގެ ބަދަލުގައި މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ކަމަކްޔާ ނާރަޔަން ސިންގް އެވެ. ނަމަވެސް، ޕްރޮޑިއުސަރުގެ ގޮތުގައި އަދިވެސް ހުރީ ވިޕުލް އަމްރުތުލާލް ޝާހް އެވެ.
ފުރަތަމަ ފިލްމުން ފެނިގެންދިޔަ އަދާ ޝަރުމާގެ ބަދަލުގައި، މި ފަހަރުގެ ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނަނީ އުލްކާ ގުޕްތާ، އަދިތީ ބާޓިއާ އަދި އައިޝްވަރިޔާ އޯޖާ ފަދަ އާ ތަރިންނެވެ. މިއީ ފިލްމުގެ ވާހަކަ ކެރެލާއިން ބޭރަށް، މުޅި އިންޑިއާގެ އެކި ސަރަހައްދުތަކަށް ފުޅާވެގެންދާކަން ދައްކުވައިދިނުމަށް ގެނައި ބަދަލެއް ކަމަށް ހަބަރުތައް ބުނެއެވެ.
ޝަރުއީ ހުރަސްތަކާއި ފާޑުކިޔުންތައް
ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ތާރީޚުގެ ކުރިން، ކެރެލާ ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފިލްމު ނެރުން ވަގުތީގޮތުން ހުއްޓުވިއެވެ. ނަމަވެސް، ފަހުން ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށް، ފިލްމު ދެއްކުމުގެ ހުއްދަ ދީފައެވެ. ޕްރޮޑިއުސަރު ވިޕުލް ޝާހް ބުނިގޮތުގައި މި ފިލްމަކީ ވަކި ސްޓޭޓަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށް ހަދާފައިވާ ފިލްމެއް ނޫނެވ.، މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށެވެ.
ފިލްމު ކްރިޓިކުންގެ މެދުގައި މި ފިލްމާ މެދު ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ފުރަތަމަ ފިލްމަށް ލިބުނު ފަދަ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބުމަކީ ނާދިރު ކަމެކެވެ. ޚާއްސަކޮށް ފުރަތަމަ ދުވަހުގެ ބޮކްސް އޮފީސް އާމްދަނީ، ފުރަތަމަ ފިލްމާ އަޅައިބަލާއިރު ދަށްކަން ފާހަގަކުރެވެއެވެ.
ފިލްމުގެ މައުޟޫ
"ދަ ކެރެލާ ސްޓޯރީ 2" ގައި އަލިއަޅުވައިލައިފައިވަނީ ހަމައެކަނި ކެރެލާގެ ހާދިސާތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަމަށް ބުނާ ދީން ބަދަލުކުރުވުމުގެ ހާދިސާތަކާއި، އޭގެ ސަބަބުން އަންހެން ކުދީންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ފިލްމު ބިނާކޮށްފައިވެއެވެ. ޓްރެއިލާގައި ދައްކާގޮތުން، މިއީ މުޅި ގައުމަށް އަމާޒުކޮށް އުފައްދާފައިވާ "ޕޭން-އިންޑިއާ" ވާހަކައެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް