އެމެރިކާއާއި އީރާނުގެ މެދުގައި ކުރެވެމުންދާ މަޝްވަރާތަކުގެ ތިންވަނަ ބުރު ސުވިޒަލެންޑުގެ ޖެނީވާގައި ހުކުރު ދުވަހު ވަނީ ނިމިފައެވެ. އެންމެފަހުގެ ވާހަކަތަކާމެދު އެމެރިކާގެ ރައީސް ޓްރަމްޕު ވިދާޅުވިއެވެ. އަހުރެން މިހިރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ވާހަކަތަކުން ނަތީޖާއެއް ނުފެނުނެވެ. ޓްރަމްޕު މިހެން ވިދާޅުވިޔަސް މިފަދަ އައު ބުރެއްގެ ވާހަކަތައް ކުރިއަށްއޮތް ހޯމަދުވަހު އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި އަނެއްކާވެސް ފަށާނެއެވެ. ޖެނީވާގައި މިފަހަރު ނިމުނު ބުރުގައި އެމެރިކާ ތަމްސީލުކުރެއްވީ ރައީސް ޓްރަމްޕުގެ ދަނބިދަރިފުޅު ޖަރެޑް ކުޝްނާރ އާއި ޓްރަމްޕުގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފެވެ. އީރާނުގެ ވަފުދުގެ ވެރިޔަކީ ޚާރިޖީވަޒީރު އައްބާސް އަރަގްޗީއެވެ. އެމެރިކާގެ ވަފުދުގެ ފަރާތުން ނޫސްވެރިންގާތު ވިޓްކޯފް ވިދާޅުވިއެވެ. އީރާނުގެ ފަރާތުން ދޫދިނުމެއް ނުފެނެއެވެ. އަދިވެސް ވިދާޅުވިއެވެ. ވަރަށް ބޮޑަށް މާޔޫސްވެއްޖައިމެވެ. ދޫދިނުމެއް ނެތޭ، މާޔޫސް ވެއްޖައިމޭ އޭނާ އެވިދާޅުވީ ކީއްވެގެން ބާވައެވެ. އީރާނުން ނޫނެކޭ ބުނީ ކޮންކޮން ކަންކަމަކަށް ބާވައެވެ.
މި މަޝްވަރާތަކުގައި އެމެރިކާއިން އެދުނު ކަންކަމުގެ ތެރެއިން އީރާނުގެ ދެކޮޅުހެދުން އައީ ކޮންކޮން ކަންކަމަށް ބާވައެވެ. ވިޓްކޯފާއި ކުޝްނާރ ޖެނީވާއަށް ވަޑައިގަތީ އެމެރިކާގެ ތިން އެދުމަކާއިގެންނެވެ. ފުރަތަމަ އެދުމަކީ އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކުގައި ބޮޑުތަޅު އަޅުވައި އެތަންތަން ފުހެލުމެވެ. އީރާނުން ބުންޏެވެ. ތިޔަކަމެއް ނުވާނެއެވެ. ތިޔަނޫން އެހެން ކަމެއްގެ ވާހަކަ ބުނާށެވެ. ދެން އެމެރިކާއިން ބުންޏެވެ. އެހެންވިއްޔާ ކަލޭމެން ފައްކާކޮށްފައިހުރި ޔުރޭނިއަމް ދޭށެވެ. ނުވަތަ ގައުމުން ބޭރުކޮށް އެހެންފަރާތަކާ ހަވާލު ކުރާށެވެ. އީރާނުން ބުންޏެވެ. ތިޔަކަމެއްވެސް ނުކުރެވޭނެއެވެ. އެހެން ކޮންމެވެސް ވާހަކައެއް ބުނާށެވެ. ދެން އެމެރިކާއިން ބުންޏެވެ. އެހެންވިއްޔާ ކަލޭމެންގެ ދުރުރާސްތާގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓައިލާށެވެ. އުފައްދާފައިހުރި އެޒާތުގެ މިސައިލްތައްވެސް ނައްތައިލާށެވެ. އީރާނުން ބުންޏެވެ. އަސްތާ ތިޔަކަމެއްވެސް ނުވެވޭނެއެވެ. ދެން އިތުރު އެދުމެއް ނެތްބާވައެވެ.
އެމެރިކާއިން ދެން ބުންޏެވެ. އޮތީ ކުރިން ބަޔާން ކުރެވުނު ތިން އެދުމެވެ. އެ ތިންކަމަށްވެސް ނޫނެކޭ ބުނީމާ ދެން ދައްކާނެ ވާހަކައެއް ނެތެވެ. މިހެން ބުނެފައި ބޭރަށް ނުކުމެ ނޫސްވެރިންގެ ކުރިމަތީގައި ދެއްކި ވާހަކަ އިސްވެ ބަޔާން ކުރެވިއްޖެއެވެ. ދުލެއް ނުދިނޭ، މާޔޫސްވެއްޖައީމޭ، މިޒާތުގެ ވާހަކަތަކެކެވެ. އީރާނުގެ ބަސްމަގު ފެންނަނީ ވަރަށް ތަފާތުކޮށެވެ. އެމެރިކާޔާއެކު ކުރިޔަށް ގެންދެވުނު މަޝްވަރާތަކުން ވަރަށް މުހިންމު ކުރިއެރުންތަކެއް ހާސިލް ކުރެވިއްޖެ ކަމަށް އީރާނުން ބުނެއެވެ. ޖެނީވާގައި ބޭއްވުނު މަޝްވަރާތަކަށްފަހު ކެމެރާތަކުގެ ކުރިމަތީގައި ހިނިވަރުނަ ކުރައްވައިގެން ހުންނަވައި އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ ކުރިއެރުންތަކެއްގެ ވާހަކައެވެ. އޭނާ މިހެން ވިދާޅުވިޔަސް އެހެން ދިމަދިމާލުން ފެންނަނީ ތަފާތު މަންޒަރު ތަކެކެވެ. ފެންނަމުންދަނީ ހަގުރާމައެއް ފެށިދާނެކަމުގެ އަލާމާތްތަކެވެ. އިވެމުންދަނީ ބިރުވެރިކަން އުފެދޭ ޒާތުގެ އަޑުއަޑެވެ.
ޖެނީވާގައި އެމެރިކާޔާއި އީރާނުގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ދިޔަ ވަގުތުގައި ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ރިޔާސީ ކިއްލާ ވައިޓްހައުސްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރާ ބައްދަލު ކުރައްވައިފައެވެ. ގަބޫލު ކުރެވޭގޮތުން އެޑްމިރަލް ކޫޕަރ ވަނީ އީރާނަށް ހަމަލަ ދިނުމާބެހޭ އެންމެފަހުގެ ޕްލޭނުގެ އެކޮޅު މިކޮޅު ރައީސް ޓްރަމްޕަށް ސާފުކޮށް ދެއްވައިފައެވެ. އެމެރިކާއިން ހަގުރާމައަކަށް ދާން މުޅިން ނިންމައިފިކަމުގެ އަސްލު ކުލަވަރު ބޮޑަށް ފެންނަނީ އިޒްރޭލުންނެވެ. އިޒްރޭލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީގެ ފަރާތުންނެވެ. އިޒްރޭލުގައި ދިރިއުޅޭ ކަމަށް ބެލެވޭ އެމެރިކާގެ އެންމެހައި ރައްޔިތުންނަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އަވަސްގޮތަކުން އިޒްރޭލުން ފައިބައިގެން އަވަހަށް އެނބުރި ގައުމަށް ދާށެވެ. ލަސްކުރާނޭ ކަމެއް ނެތެވެ. މިއަދުވެސް ފައިބަންވީއެވެ. އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީގައި މިވަގުތު ކޮންމެހެން ތިބޭން މަޖުބޫރު މުވައްޒަފުން ފިޔަވައި އެހެން އެންމެން އެނބުރި އެމެރިކާއަށް ދިއުމަށްވެސް ހަކަބީ ވަނީ އަންގަވައިފައެވެ.
އިޒްރޭލުގައި އެމެރިކާގެ ރައްޔިތުންކަމުގައި ހިމެނޭ ހަތްލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އެމެރިކާގެ ރައްޔިތުން ފޭބުމަށް މަތިންދާބޯޓުތަކާއި ކްރޫޒް މަނަވަރުތައް ވަނީ ހަމަޖައްސައިފައެވެ. އިޒްރޭލުގެ ޓެލަވީވުގައިވާ އެންމެ ބޮޑު އެއަރޕޯޓް ކަމަށްވާ ބެންގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޝަން ދެން ލަސްތަކެއްނުވެ މެދުކަނޑައިލަންވެސް ވަނީ ނިންމާފައެވެ. މިފެންނަނީ ކޮންކޮން ކަންތަކެއްގެ އަލާމާތެއް ހެއްޔެވެ. ހަގުރާމައެއް ފަށަން އެމެރިކާއިން ނިންމާފައި ނެތިއްޔާ އެގައުމުގެ ރައްޔިތުން އިޒްރޭލުން ފައިބަން މިވަރުގެ އިންތިޒާމުތަކެއް ހަމަޖައްސާނޭ ބާވައެވެ. ވަރަށްވެސް އުދަގޫ ސުވާލެކެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖެރާލްޑް ފޯޑާއި އެމަނަވާރާއެކު ދަތުރުކުރާ އަރުމާދުވެސް ވަނީ އިއްޔެ އިޒްރޭލުގެ އައްސޭރިއަށް ފޯރައިފައެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ފޮނުވި ދެވަނަ އަރުމާދެވެ. އަނެއް އަރުމާދަކީ ޔޫއެސްއެސް އެބްރަހަމް ލިންކަނާއި އެމަނަވަރާއެކު ދަތުރުކުރާ ގްރޫޕެވެ. އެ ގްރޫޕު މިހާރުވެސް އޮތީ އީރާނާ ދިމާލުން އަރަބި ކަނޑުގައެވެ.
ޔޫއެސްއެސް ޖެރާލްޑް ފޯޑު ހިމެނޭ އަރުމާދު އިޒްރޭލުގެ އައްސޭރީގައި މަޑުކުރީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް މެޑިޓެރޭނިއަން ކަނޑަށް ނުކުތުމަށްފަހުގައެވެ. މި އަރުމާދު މިއައީ ހުރިހާ ހަތިޔާރަކާއި ސާމާނުތަކެއް ހިފައިގެންނެވެ. އޯޑަރު އައުމާއެކު އީރާނާ ދިމާލަށް ހަމަލަތައް ފޮނުވައިލުމަށް ތައްޔާރުވެގެންނެވެ. އެމެރިކާޔާއި އީރާނުގެ މަޝްވަރާތައް ކުރިއަށް މިދަނީ އޮމާނުގެ މެދުވެރިކަމުގެ ދަށުންނެވެ. ހުކުރު ދުވަހު އެމެރިކާގެ ނާއިބުރައީސް ޖޭޑީ ވޭންސް ވަނީ އޮމާނުގެ ޚާރިޖީވަޒީރު އަލް ބުސައިދީއާ ބައްދަލު ކުރައްވައި އެމެރިކާގެ ވިސްނުން ހުރިގޮތް އަންގަވައިފައެވެ. އަނެއްކޮޅުން އެމެރިކާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯ ވަނީ މި ހަފުތާގައި އިޒްރޭލަށް ކުއްލި ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފައެވެ. މިކަންކަމުން ލިބޭ މެސެޖަކީ ކޮބައި ބާވައެވެ. ހަގުރާމަ ފެށުމަށް އެމެެރިކާއިން ނިންމީ ހެއްޔެވެ. ކޮންމެއަކަސް މިހިރީ ހަގުރާމައެއްގެ އަލާމާތްތަކެވެ. ޑިޕްލޮމަސީއަށް އިސްކަންދޭ ކަމުގެ އަލާމާތްތަކެއް ނޫނެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ