މި ރެސިޕީއަކީ ގައުމީ ޔުނިވަސިޓީގައި މިވަގުތު މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ކުރީގެ ފިލިޕިންސްގެ ސްޕޯޓްސް ޖާނަލިސްޓް އަލާނާ ހަދިޔާކޮށްފައިވާ ފިލިޕިންސް މީހުންގެ ޒަމާނީ ވާހަކަތައް ކިޔައިދޭ ރެސިޕީއެކެވެ.

އަލައިނާ ބުނާގޮތުން މިއީ ފިލިޕީންސްގެ ކާބަފައިންގެ ޒަމާނުގައި ކާތަކެތި ލިބުން ދަތިވުމުން، ހަށިގަނޑަށް ފައިދާކުރާނެ ގިނަ ބާވަތްތައް އެއް ތައްޓަކުން ގެންނަ މީރު ކާނާއެކެވެ. މިހާރު މިއީ އެ ގައުމުގައި ވަަރަށް ގިނަ ބަޔަކަށް ކަމުދާ އަދި މިހާރުވެސް ގިނަ ގެތަކުގައި ކައްކާ ކެއުމެއް ކަމަށް އަލާނާ ބުނެއެވެ.

ދިރާސާތަކުން ކިޔައިދޭ ވާހަކަތަކުން އެނގޭ ގޮތުގައި އެޑޯބޯ އުފެދުނީ ފިލިޕީންސްގެ ޓްރޮޕިކަލް ކްލައިމެޓްގައި ވިނިގާ އާއި ލޮނު ބޭނުންކޮށްގެން ގިނަ ދުވަހު މަސް ރައްކާ ކުރުމުގެ ބޭނުމުގައި ފިލިޕިންސް މީހުން ގެންގުޅޭ އުކުޅެކެވެ. އަޑޯބޯ އައިސްފައިވަނީ ސްޕެނިޝް ބަހުން "މެރީނޭޑް" ނުވަތަ "ޕިކްލިން ސޯސް" އިންނެވެ.

މި ރެސިޕީ ތައްޔާރުކުރާން ބޭނުންކުރާ ތަކެތި އަދި ތައްޔާރުކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ޗިކަން އަޑޯބޯ ތައްޔާރުކުރަން ބޭނުންވާ ތަކެތި:

  • 4 ބޮޑު އަލުވި (ބޭނުންވާ ސައިޒަކަށް ކިއުބްކޮށް ކޮށާފައި، ކުޑަތެޔޮފޮދެއްގައި ތެލުލައިފައި)
  • 1 ކިލޯގެ ކުކުޅެއް (މެދެ ސައިޒަށް ކޮށާފައި، ވިނިގާ އަދި ސޯޔާ ސޯސްތެރޭގައި 2 ގަޑިއިރު މެރިނޭޓް ކުރަން ބަހައްޓާނީ، ބޮޑަށް ރަނގަޅީ ރޭގަނޑު ސޯސްތެރޭގައި މެރިނޭޓްލުރަން ބެހެއްޓިއްޔާ)
  • 1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)
  • 4 ލޮނުމެދު (ކުދިކޮށްކޮށާފައި)
  • 1 އިންޗި ހުންނަހާ އިނގުރު (ކުދިކޮށް ކޮށާފައި)
  • 8 ފެނުކެއްކި ބިސް
  • 1 ސައިސަމުސާ ހަކުރު
  • 1 ސައިސަމުސާ ނުމުގުރާ އަސޭމިރުސް
  • ރަހަލާވަރަށް ލޮނު
  • ކޯލީ ފްލޭސް މިކްސް (ގަރަމް މަސާލާގޮތަށް ތައްޔާރުކޮށްފައި ހުންނަ މަސާލާ ޕެކެޓްއެއް)
1 މާޗް 2026: ޗިކަން އަޑޯބޯ --- ވަންފޮޓޯ/ ހަމްދާން އަހުމަދު

ޗިކަން އަޑޯބޯ ތައްޔާރުކުރާނެ ގޮތް:

އަލުވިތައް ކުޑަތެޔޮފޮދެއްގައި ތެތުލައިފައި ވަކިން ނަގާފައި ބަހައްޓާނީ، ހަމަ އެ ތެލީގެ ތެރެއަށް ކޮށާފައި ހުރި ފިޔާ، ލޮނުމެދު. އިނގުރު އަޅައިގެން މީރުކޮށްލާނީއެވެ.

އެއަށްފަހުން މެރިނޭޓްކޮށްފައި ހުރި ކުކުޅުތައް އަޅާފައި ދެފުށް ކުޑަކޮށް ރޯފިލުވާނީއެވެ. އޭގެފަހުން ރަހަލާވަރަށް ލޮނު، 1 ސައިސަމުސާ ހަކުރު، 1 ސައިސަމުސާ ނުމުގުރާ އަސޭމިރުސް އަޅައިގެން މިކްސް ކުރުމަށްފަހު، ކުކުޅުތައް މެރިނޭޓް ކުރަން ބޭނުންކުރި ސޯސްގަނޑުވެސް އެއާއެއްކޮށްލުމަށްފަހު 10 ވަރަކަށް މިނެޓް މެދު ގިނީގައި ކައްކާނީ އެވެ.

ކުކުޅު ރޯފިލުމުން 4 ސައިސަމުސާ ވިނިގާ، ފެނުކެއްކި ބިސް، 1/2 ޖޯޑު ފެން އަދި އަލުވި އަޅައިގެން 20 މިނެޓްވާންދެން މަޑު ގިނީގައި ކައްކާނީ އެވެ. އިތުރަށް ރަހަމީރުކުރަން ރަހަލާވަރަށް ކޯލީ ފްލޭސް މިކްސް (ގަރަމް މަސާލާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މަސާލާ ޕެކެޓެއް) އަދި ޗިލީފްލޭކްސް އަޅައިގެން ކައްކާނީ އެވެ.

މިއީ ބަތް، ފަރާޓާ، ޕާން ނުވަތަ ބަނަސް ފަދަ ތަކެތި ބޭނުންކޮށްގެން ދިވެހިންގެ ރަހަތަކަށް އިތުރުކޮށްލަން މީރު ކުކުޅުގެ ރެސިޕީއެއް.