ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝްވާ އަބްދުﷲ މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެފްޑީސީގެ ޗެއާޕާސަން ކަމުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެމްބަރުކަމުންވެސް ނަޝްވާ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް ނަޝްވާ އައްޔަން ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ އަށްވަނަ ދުވަހުގައެވެ.

ނަޝްވާއަކީ، ޕަބްލިކް ހައުސިން އަދި އިންފްރަސްޓްރަކްޗާގެ ދާއިރާއިން 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ މީހެކެވެ.

އެފްޑީސީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ނަޝްވާ ވަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރެއްގެ މަގާމުވެސް އަދާކުރައްވައިފައެވެ.