މި ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ މިހާރު އަމަލުކުރެވެމުންދާ ގާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް، ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމުގެ އަޒުމު އާ ކުރާ ކަމަށެވެ.

މި ސަރުކާރުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި އ.ތ.މ. ކޮމިޓީތަކަށް ހައްގު މަގާމާއި ހައިސިއްޔަތު ހޯދައިދިނުމާއި ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އާ އިމާރާތްތައް ބިނާކޮށްދޭން ފަށާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ހިތޯބުގައި ފާހަގަކުރައްވާފައިވާ އެހެން ބައެއް ކަންކަން:

  • ރާއްޖޭގެ ރަށްތަކުގައި ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ އެހެން ހިދުމަތްތައް ފުޅާކުރުން
  • ކޮންމެ ރަށަކުން ފުލުހުންގެ ހިދުމަތް، އޭޓީއެމް، ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާކަން
  • ރަށްރަށުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި ޕާކުތައް ގާއިމްކުރުމުގައި އެންމެ ބޮޑު ކާމިޔާބު ހޯދާނެ ކަމަށް
  • ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފުރިހަމަކުރާނެ ކަމަށް
  • މަގުހެދުން، ބަނދަރުހެދުން ފަދަ އުމްރާނީ އެންމެ ގިނަ މަޝްރޫއު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައި ކަމަށް

ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުން، މަސްތުވާތަކެތީގެ ވިޔަފާރި، ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި، ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ހިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްގީއާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވަމުން ދިޔުމެވެ." ރައީސްގެ ހިތޯބު ނިންމަވައިލައްވަމުން ވިދާޅުވެފައިވެއެވެ.