ބޮލީވުޑް އަދި ދެކުނު އިންޑިއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަޝްމިކާ މަންދަނާ އާއި ވިޖޭ ދޭވަރަކޮންޑާގެ ކައިވެނި، ރަޝްމިކާގެ އުފަން ބިން ކަމަށްވާ ކޫރްގު ނުވަތަ ކޮޑަވާ ސަގާފަތާ އެއްގޮތަށް އިއްޔެ ހަވީރު ބާއްވައިފިއެވެ. އިންޑިއާގެ ރާޖަސްތާނުގެ އުދައިޕޫރުގައި ހުންނަ އައިޓީސީ ގްރޭންޑް މެމެންޓޯސް ހޮޓަލުގައި ކުރިއަށްދިޔަ މި ކައިވެނީގެ ހަފުލާގައި، ދެ ފަރާތުގެ އާއިލީ ސަގާފަތަށް ވެސް ވަނީ އިސްކަންދީފައެވެ.

އިއްޔެ ހެނދުނު ވިޖޭގެ އާއިލީ ސަގާފަތް ކަމަށްވާ ތެލިނގޫ ހިންދޫ އާދަކާދަތަކާ އެއްގޮތަށް ކައިވެނީގެ ފުރަތަމަ ރަސްމިއްޔާތު ބޭއްވުމަށްފަހު، ހަވީރު 4:00 ހާއިރު ވަނީ ކޮޑަވާ ސަގާފީ ކައިވެނީގެ ރަސްމިއްޔާތު ފަށައިފައެވެ. މިއީ ރަޝްމިކާ ނިސްބަތްވާ "ކޮޑަވާ" ދަރިކޮޅުގެ ސަގާފަތް ދައްކުވައިދިނުމުގެ ގޮތުން ބޭއްވި ޚާއްސަ ހަރަކާތެކެވެ.

މި ކައިވެނި ހަފުލާގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިން އެކަންޏެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކައިވެނީގެ ރަސްމިއްޔާތަށްފަހު، ހައިދަރުއާބާދުގައި ފިލްމީ ތަރިންނަށް ޚާއްސަ ހަފުލާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ރަޝްމިކާ އާއި ވިޖޭގެ ގުޅުމުގެ ވާހަކަތައް މީޑިއާގައި ދެކެވޭތާ އަހަރުތަކެއް ވެފައިވާއިރު، މި ދެ ތަރިން އެކުގައި ކުޅުނު "ގީތާ ގޯވިންދަމް" އަދި "ޑިއާ ކޮމްރޭޑް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ ހޯދާފައެވެ. ކައިވެންޏާ ގުޅިގެން ދެ ތަރިންގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.