ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މައިކަލް މަންގެ އިންތިޒާރު ކުރެވެމުން އަންނަ ފިލްމު "ހީޓް 2" ގައި މަޝްހޫރު ތަރިން ކަމަށްވާ ލިއޮނާޑޯ ޑިކެޕްރިއޯ އާއި ކްރިސްޓިއަން ބޭލް މުހިންމު ރޯލުތަކެއް އަދާކުރާނެކަން ކަށަވަރުވެއްޖެއެވެ.
މި ޚަބަރު ކަށަވަރުވެގެން ދިޔައީ، ކްރިސްޓިއަން ބޭލް ދާދިފަހުން ދިން އިންޓަވިއުއެއްގައި، ފިލްމުގެ ޝޫޓިންއަށް ވަރަށް އަވަހަށް ޝިކާގޯއަށް ދާނެކަމަށް ބުނުމާ ގުޅިގެންނެވެ. މީގެ އިތުރުން، ލިއޮނާޑޯ ޑިކެޕްރިއޯ މި ފިލްމުގައި ބައިވެރިވާނެކަން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.
މި ފިލްމަކީ 1995 ވަނަ އަހަރު ނުކުތް ކްރައިމް ތްރިލާ ފިލްމު "ހީޓް" ގެ ސީކުއެލްއެކެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމުގައި ޑިކެޕްރިއޯ ކުޅޭނީ ފުރަތަމަ ފިލްމުގައި ވެލް ކިލްމާ އަދާކުރި "ކްރިސް ޝިހާލިސް" ގެ ރޯލެވެ. އަދި ކްރިސްޓިއަން ބޭލް ފެނިގެންދާނީ އަލް ޕަޗީނޯ ކުޅުނު ޑިޓެކްޓިވް "ވިންސެންޓް ހަނާ" ގެ ޒުވާން ދުވަސްވަރުގެ ރޯލުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ މައިކަލް މަން ލިޔެފައިވާ ވާހަކަ ފޮތެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ފުރަތަމަ ފިލްމުގެ ކުރިން ހިނގައިދިޔަ ހާދިސާތަކާއި އޭގެ ފަހުން ހިނގާ ކަންތައްތައްވެސް ދައްކުވައިދޭނެއެވެ.
ހޮލީވުޑްގެ އެންމެ ހުނަރުވެރި ދެ އެކްޓަރުން ކަމަށްވާ ޑިކެޕްރިއޯ އާއި ބޭލް އެއް ފިލްމަކުން ފެނިގެންދިއުމަކީ ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއީ 2009 ވަނަ އަހަރު ނުކުތް "ޕަބްލިކް އެނެމީސް" އަށްފަހު މައިކަލް މަން އާއި ކްރިސްޓިއަން ބޭލް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް