އިޒްރޭލާއެކު އިންޑިއާ އޮތީ ފުރިހަމަ އިތުބާރާއި ސާބިތުކަމާއެކު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ އެހެން ވިދާޅުވެފައިވަނީ އިޒްރޭލަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް (ކްނެސެޓް)ގެ މެމްބަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުންނެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރަކު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
މޯދީ ވާހަކަދައްކަވަމުން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ގައި ހަމާސްއިން ދިން ހަމަލާތައް ކުށްވެރިކުރައްވައި، އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައިފައެވެ.
"އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ތަދު އިހުސާސްކުރެވޭ. އަޅުގަނޑުމެން މިތިބީ މި ދަނޑިވަޅުގައާއި އަދި ކުރިއަށް އޮތް ތަނުގައިވެސް، ފުރިހަމަ އިތުބާރާއި ސާބިތުކަމާއެކު އިޒްރޭލާއެކު،" މޯދީ ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ ޓެރަރިޒަމަކީ އޭގެ ޒާތުގައި ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއް ކަމަށާއި އެކަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ.
އިޒްރޭލަށް މޯދީ ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ، ދިފާއީ އަދި ޓެކްނޮލޮޖީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވައިފައެވެ. ހާއްސަކޮށް ދަނޑުވެރިކަމާއި، ފެނުގެ ވަސީލަތްތައް ބެލެހެއްޓުމާއި، ސައިބާ ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ ކުރިން އިންޑިއާއިން ގެންގުޅުނު 'ޕެލެސްޓައިން ފަސްޓް' ސިޔާސަތު ދޫކޮށްލައި، މިހާރު އަމަލުކުރަމުންދަނީ 'ޑީ-ހައިފަނޭޝަން' ސިޔާސަތަށެވެ. އޭގެ މާނައަކީ އިޒްރޭލާއި ފަލަސްތީނާއެކު އޮންނަ ގުޅުން ވަކިވަކި ދެ ގުޅުމެއްގެ ގޮތުގައި ބެލުމެވެ.
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ