މެދުއިރުމައްޗަށް ދަތުރު ނުކުރުމަށް ގައުމުތަކުން ގޮވާލަން ފަށައިފިއެވެ.

އިރާނާއި އެމެރިކާއިން ހަންގުރާމައަށް ތައްޔާރުވެފައިވާއިރު އެ ހަނގުރާމަ ފަށައިފިނަމަ މެދުއިރުމަތީގެ ހުރިހާ ގައުމުތަކަށް އެކަމުގެ ސީދާއަސަރު ކުރާނެކަމަށް ބެލެވޭތީ ބައެއް ގައުމުތަކުން ވަނީ މެދުއިރުމައްޗަށް ދަތުރު ނުކުރުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީ ނެރެން ފަށައިފައެވެ.

އިންޒާރު ނެރެފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި ޔޫރަޕާއި އެފްރިކާގެ އިތުރުން އޭޝިޔާގެ ބައެއް ގައުމުތައްވެސް ހިމެނެއެވެ.

ޕޮލެންޑުން ވަނީ އެގައުމުގެ އާންމުންގެ ތެރެއިން އިރާނުގައި ދިރިއުޅޭ އެންމެން ވީހާވެސް އަވަހަށް އެގައުމު ދޫކޮށް ދިއުމަށް އަންގާފައެވެ.

ސާބިއާ އިން ވެސް އިރާނުގައި ތިބި އެގައުުމުގެ މީހުން ގައުމު ދޫކޮށް ދިއުމަށް އެދިފައިވާއިރު ސްވިޑެން އިން ވަނީ އެގައުމުގެ އާންމުންގެ ސަލާތަަށް އަހަންމިއްޔަތުކަން ދިނުމުގެ ގޮތުން އިރާނު ދޫކޮށް ދިއުމަށް އެދިފައެވެ.

ސްވިޑެން އިން އެގައުމުގެ އާންމުން އިރާނު ދޫކުރުމަށް ގޮވާލާފައިވާއިރު އިރާނުން ބޭރު ނުވެ މަޑުކުރާ މީހުން ހާލަތު ބަދަލުވެ ބޭރުވާން ބޭނުން ވިޔަސް އެކަމުގައި އެހީތެރިކަން ނުދޭނެކަމަށް ބުނެފައެވެ.

އިރާނާއި އެންމެ ބޮޑަށް މިހާރު ކޯޅޭ އެމެރިކާއިން ވަނީ މެދުއިރުމަތީގެ ބައެއްގައުމުތަކުގައި ތިބި އެގައުމު މީހުން ފޭބުމަށް އަންގާފައެވެ. އަޑި ޑިޕްލޮމެޓިކް މިޝަން ތަކުގައި ތިބި ގިނަ ބަޔަކުވެސް ވަނީ ރައްކާތެރި ގައުމުތަކަށް ބަދަލުކޮށްފައެވެ.

އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިންޑިއާއިން ވަނީ އިރާނުގައި ތިބި އެގައުމުގެ މީހުން ވެސް ގައުމު ދޫކޮށް ދިއުމަށް އަންގާފައެވެ. ސިންގަޕޫރުން ވެސް ވަނީ އެގައުމުގެ އާންމުން އިރާނު ދޫކޮށް ދިއުމަށް އަންގާފައެވެ.