އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ރާއްޖެ ގެނައި 56 އެމްބިއުލާންސްގެ ތެރެއިން 55 އެމްބިއުލާންސެއް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ރަށްތަކަށް ފޯރުކޮށްދީފިއެވެ.
ހެލްތު މިނިސްޓްރީން ހިންގާ އެ ޕްރޮގްރާމްގެ ދަށުން، ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން، ރާއްޖެއަށް 56 އެމްބިއުލާންސް ގެންނަން އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.
އެމްޕީއެލުން ބުނީ ގެނައި 56 އެމްބިއުލާންސްގެ ތެރެއިން އެއް އެމްބިއުލާންސް ދީފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ކަމަށާއި ބާކީ 55 އެމްބިއުލާންސް ފޯރުކޮށްދީފައިވަނީ ރާއްޖޭގެ އުތުރާއި، ދެކުނުގެ އެކި ރަށްތަކަށް ކަމަށެވެ.
އެމްބިއުލާންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލުން ފެށީ މިދިޔަ މަހުގެ 17 ގައެވެ. އަދި އެ މަސައްކަތް އެމްޕީއެލުން ފުރިހަމަކުރީ މިމަހުގެ 14 ގައެވެ.
އެމްޕީއެލުން ބުނީ އެމްބިއުލާންސްތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ދުއްވުމާއި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މައުލޫމާތު، އެ ކުންފުނީގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައި ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލާންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެހީތެރިވެފައިވާ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
ކުރިއަށްއޮތް ތަނުގައި ހެލްތު މިނިސްޓްރީއާއެކު ސާވިސް ކޮންޓްރެކްޓެއް ހަދައި، އެމްބިއުލާންސްތައް ސާވިސްކުރުމާއި، ބޭނުންވާ ސްޕެއާ ޕާޓްސް ފޯރުކޮށްދިނުމަށް މަޝްވަރާކުރަމުންދާ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް