އުރީދޫ ނޭޝަން ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލްގެ ޓެކެން އަދި އީއޭއެފްސީގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭގެ ނިޔަލަށް ހަމަވާނެއެވެ.

އުރީދޫން ބުނީ ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މި ފެސްޓިވަލް ވިދިވިދިގެން ދެ ވަނަ އަހަރު އަލުން ފަށާއިރު، އެ ފެސްޓިވަލްގެ މަގުސަދަކީ ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ވާދަވެރި ގޭމިން ކަލްޗާ ކުރިއެރުވުމަށާއި ރޯދަ މަހު ޑިޖިޓަލް މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މި ފެސްޓިވަލްގައި އޮންލައިން އަދި އިން-ޕާސަން މުބާރާތްތައް ވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ޕަބްޖީ މޮބައިލް (ޕަބްޖީއެމް) އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) މުބާރާތްތައް އޮންލައިންކޮށް ބާއްވާ އިރު، ރަޖިސްޓްރީގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. މި މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

އީއޭއެފްސީ އަދި ޓެކެން މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔޫތް ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ވާދަވެރި ކުޅުމުގެ އިތުރުން، މި ފެސްޓިވަލްގައި ގޭމިން އެކްސްޕީރިއަންސެއް ވެސް ލިބިގެންދާނެ ކަމަށެވެ. ޔޫތް ހަބަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބީޓް ސޭބާ، ރޭސިން ސިމިއުލޭޓާ، ނިންޓެންޑޯ ސްޕޯޓްސް، މޯޓަލް ކޮމްބެޓް އަދި އީއޭއެފްސީ ފަދަ ތަފާތު އިންޓަރެކްޓިވް ގޭމްތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ފެސްޓިވަލަކީ އީ-ސްޕޯޓްސްގެ މުހިންމުކަން ދައްކުވައިދޭ ފެސްޓިވަލެކެވެ.