މިދުވަސްވަރު ޑެންގީހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މަދިތި އާލާވާ ތަންތަން ނައްތާލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއީން މިއަދު ބުނީ މަދިރި ހެފުމުން ރައްކާތެރިވެ، މަދިރި އާލާވާ ތަންތަން ނައްތާލައި، ފެން ހަރުލާފައި ހުންނަ ތަކެތި ހަފުތާ އަކު އެއްފަހަރު ސާފުކުރުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
"ބަލިވެ އުޅޭނަމަ އަރާމުކުރުމާއި، ގިނައިން ދިޔާ އެއްޗެހި ބޭނުންކުރައްވާ، އަދި އަލާމާތްތައް ގޯސްވާނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯއްދަވާ،" އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ޑެންގީހުން ނުވަތަ ޑެންގީ ވައިރަސް ފެތުރެނީ އެބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުންނެވެ. އާންމު ގޮތެއްގައި މި ބަލިގެ އަލާމާތްތައް ފެންނަން ފަށަނީ މަދިރި ހަފާތާ ދެ ދުވަހާއި ހަތް ދުވަހާ ދެމެދުއެވެ.
ޑެންގީހުން ޖެހުމުން 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަވުމާއި ބޮލުގައާއި ގައިގައި ގަދަޔަށް ރިއްސުމާއި ލޮލާއި ލޮލުގެ ވަށައިގެން ރިއްސުން ހިމެނޭ އިރު، ހުޅުހުޅުގައި ރިއްސުމާއި ހުޅުތައް ދުޅަވުން އަދި ބަނޑުގައި ރިއްސައި ހޮޑުލެވުމުގެ އިތުރުން ހަންގަނޑުގައި ރަތް ބިހިތަކެއް ނެގުން ވެސް ހިމެނެއެވެ.
މިބަލީގެ ނުރައްކާތެރި އަލާމާތްތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރަނީ އާދަޔާ ހިލާފަށް ވަރުދެރަވުމާއި ނޭފަތާއި ހިރުގަނޑުން ނުވަތަ ހަންގަނޑުން ލޭ އައުމާއި ގަދައަށް ބަނޑުގައި ރިއްސުމެވެ. އެފަދަ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ، ލަސްނުކޮށް ސިއްހީ މާހިރުންގެ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އެދެއެވެ.
މަދިރި އާލާވާ ތަންތަން ނައްތާލުމަށް:
- ގެއާއި ގޯތިތެރޭގައި ފެން ހަރުލާފަދަ ތަންތަނާއި ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުން.
- ގަސްމުށި ފަދަ ތަކެތީގައި ފެން ނޭޅޭނެހެން ބެހެއްޓުން.
- ކޮންސްޓްރަކްޝަން ސައިޓްތަކާއި އާންމު ތަންތަނުގައި ހުންނަ ފުޅިއާއި ދަޅު ފަދަ ތަކެތި ބަންޑުން ޖެހުން.
- މަދިރި ނައްތާލުމަށް ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުން.
- އީޑީސް މަދިރީގެ ބިސް ފެން ނެތް ހާލަތުގައިވެސް ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ހަލާކުނުވެ ހުންނާތީ، ފެން ހަރުލާ ތަކެތި ހަމައެކަނި ހުސްކޮށްލުމުގެ ބަދަލުގައި އެ ތަކެތި ރަނގަޅަށް ސާފުކުރުން.
ފާތިމަތު ލިއުޝާ
ޑެންގޫ
ޑެންގޫ
ޑެންގޫ