ހުޅަގުގެ ގައުމުތަކުން އީރާނާ އަދާވާތްތެރިވެގެން އުޅޭ އުޅުމުގެ ފަހަތުގައިވާ ސިއްރަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ކަމަށް އެންމެންވެސް ހީކުރެއެވެ. މިދެންނެވި ޕްރޮގްރާމަކީ އިއްޔެއަކު ނޫނީ މިއަދަކު ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ނޫނެވެ. މިއީ އެއަށްވުރެ ގިނަދުވަސްވީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމެއް ފެށިފައިއޮތީ އެމެރިކާގެ އެހީތެރިކަމާއެކު 1957 ގައެވެ. ޝާހު ރިޒާ ޕަހެލަވީގެ ރަސްކަމުގެ ޒަމާނުގައެވެ. ޕްލޭން ކުރެވި މަސައްކަތް ފެށިފައިއޮތީ އީރާނުގެ އެކިކަންކޮޅުތަކުގައި ވިހި ރިއެކްޓަރު ގާއިމު ކުރުމަށެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ސުލްހަވެރި ބޭނުންތަކަށް ނިއުކުލިއަރ ހަކަތަ އުފެއްދުމެވެ. ނިއުކުލިއަރ ހަތިޔާރު އުފެއްދުމާއި ލިބިގަތުން މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާ އެންޕީޓީގައި އީރާނުން ސޮއިކުރީ 1968 ގައެވެ. އެމެރިކާގެ އެހީތެރިކަން ހުއްޓުނީ 1979 ވަނަ އަހަރު ޝާހު ރިޒާ ޕަހެލަވީގެ ރަސްކަން ނިމި އިސްލާމީ ޖުމްހޫރިއްޔަތެއް އިއުލާނުކުރި ހިސާބުންނެވެ.
އެހިސާބުން މިދެންނެވި ޕްރޮގްރާމުގެ ކަންކަން އީރާނުން ވަނީ ހުޅަނގުގެ ގައުމުތަކަށްވެސް ސިއްރުކޮށްފައެވެ. މިކަން މިމަގުން ހިގަމުންއައިސް މައްސަލަ ހޫނުވާން މެދުވެރިވީ ނަތާންޒް ފަދަ އައު ތަންތަނުގައި ސިއްރު ރިއެކްޓަރުތަކެއް ގާއިމުކޮށް ޔުރޭނިއަމް ފައްކާކުރުމުގެ ކަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާކަން 2002 ގައި ހާމަވުމާ ގުޅިގެންނެވެ. އެހިސާބުން ދެން ފެށުނީ ނިއުކުލިއަރ ޕްރޮގްރާމުގެ ކަންކަން ހުއްޖަތަކަށް ހަދައިގެން އީރާނާ ދެކޮޅަށް ދަތިކުރުމުގެ އެކި ފިޔަވަޅުތަކެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަކީ ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ގުޅުންހުރި ޕްރޮގްރާމެއް ނޫނެވެ. ނިއުކުލިއަރ ހަތިޔާރު އުފެއްދުން މަނާކޮށް އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ވަނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ފަތުވާއެއްވެސް ނެރުއްވައިފައެވެ. އިސްލާމީ އިންގިލާބަށްފަހުވެސް އީރާނުގެ މަގުސަދަކީ ސުލްހަވެރި ބޭނުންތަކަށް ނިއުކުލިއަރ ހަކަތަ އުފެއްދުމެވެ.
ވަކި މިންވަރަކަށް މި ޓެކްނޮލޮޖީ ލިބިގަތުމަކީ ދާދިފަސޭހައިން ނިއުކުލިއަރ ހަތިޔާރު އުފައްދަން މަގުފަހިވެދާނެ ކަމަކަށްވާތީ އެމެރިކާޔާއި އިޒްރޭލުން ބިރުގަންނަނީއެވެ. މާވަރަކަށެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަކީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން، ބިރު ދައްކައިގެން، ނިއުކުލިއަރ ސައިންސްވެރިން މަރައިގެން ހުއްޓުވޭނޭ ޕްރޮގްރާމެއް ނޫންކަން ޔަގީންވުމާއެކު އެމެރިކާގެ ރައީސްކަމުގައި ބަރަކް އޮބާމާ ހުންނެވި ދުވަސްވަރު 2015 ގައި އެމެރިކާގެ އިސްނެގުމުގެ މަތިން ދުނިޔޭގެ ބޮޑެތިބާރުތައްވެސް ބައިވެރިވާ ގޮތަށް އީރާނާއެކު އައު އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ. މި އެއްބަސްވުމަށް ކިޔަނީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން، ޖޭސީޕީއޯއޭ އެވެ. މި އެއްބަސްވުމުގެ މަގުސަދަކީ އީރާނާ ދެކޮޅަށް އެޅިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީ، ހުޅަގުގެ ގައުމުތަކުން ގަނޑުކޮށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާއި މުދައު އީރާނަށް ދޫކުރުމެވެ.
މިކަންކަމުގެ ބަދަލުގައި ޔުރޭނިއަމް ފައްކާކުރުމުގެ ކަންކަން އީރާނުން ހަނިކޮށް މަޑުޖައްސައިލުމާއި އީރާނުގެ ނިއުކުލިއަރ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ހުއްދަ ބައިނަލްއަގުވާމީ އިނިސްޕެކްޓަރުންނަށް ހުޅުވައިލުމެވެ. މި އެއްބަސްވުމަށް އީރާނު އޮތީ ފުރިހަމަޔަށް ރުހި ގަބޫލުވެގެންނެވެ. ރަޝިޔާއާއި ޗައިނާވެސް އޮތީ މި އެއްބަސްވުމަށް ރުހިގެންނެވެ. އެމެރިކާޔާއި ޔޫރަޕުގެ އިއްތިހާދުވެސް އޮތީ ރުހިގެންނެވެ. މި އެއްބަސްވުމަށް އެންމެ އިހަށް އަމަލުވެސް ކުރެވުނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިވެސް ދެވުނެވެ. އީރާނުން ޔުރޭނިއަމް ފައްކާކުރުން ހަނިވެސް ކުރިއެވެ. ބައިނަލްއަގުވާމީ އެޓަމިކް ހަކަތަޔާބެހޭ އިދާރާގެ އިނިސްޕެކްޓަރުންނަށް އީރާނުގެ ރިއެކްޓަރުތައް ހުޅުވައިވެސްލިއެވެ. މިކަންކަން އެކޮޅުކޮޅުން ޖެހުނީ އޭގެ ދެއަހަރު ފަހުން އެމެރިކާގެ ރިޔާސަތަށް ޑޮނަލްޑް ޓްރަމްޕު އިންތިޚާބު ވުމުންނެވެ. މި އެއްބަސްވުމުން އެމެރިކާ ވަކިވާން އޭނާ ނިންމެވުމުންނެވެ. ޓްރަމްޕު ބޭނުންފުޅުވީ އީރާނަށް އެއްވެސް ލުޔެއްނުދީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ހުއްޓުވުމަށެވެ. ކޮންމެއަކަސް 2018 ގައި މި އެއްބަސްވުން އުވިގެން ހިގާއްޖެއެވެ.
ޓްރަމްޕުގެ ރިޔާސަތުގެ ފުރަތަމަ ދައުރުގައި އޭނާވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އައު ކުރައްވައިފައެވެ. ކުރިން އަޅާފައިނުވާ އައު ފިޔަވަޅުތަކެއްވެސް އަޅުއްވައިފައެވެ. ނަތީޖާއަކަށްވީ އީރާނުންވެސް އެއްކަލަ އެއްބަސްވުމާ ދުރަށް ދިއުމެވެ. ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ހަލުވިކުރުމާއެކު ބައިނަލްއަގުވާމީ އިނިސްޕެކްޓަރުންނަށް އީރާނުގެ ދޮރާށިތައް ބަންދު ކުރުމެވެ. ޓްރަމްޕުގެ ފުރަތަމަ ދައުރު ނިމުނީ މިކަހަލަ ގޮތެއްގައެވެ. އަނެއްކާވެސް އައު ދައުރަކަށް އިންތިޚާބުވުމާއެކު ޓްރަމްޕު ހުސްވި 2025 ވަނަ އަހަރު އެންމެ އިހަށްވެސް ކުރެއްވި ކަމަކީ އިޒްރޭލާ ބައިވެރިވެގެން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލާ ދިނުމެވެ. އެ ހަމަލާތަކުން ނެރެން ބޭނުންވި ނަތީޖާއެއް ނުނެރެވުނެވެ. އީރާނުގެ ނިއުކުލިއަރ ކެެރިކުޅަދާނަކަން ނައްތައެއް ނުލެވުނެވެ. ފައްކާކުރެވިފައިވާ ޔުރޭނިއަމުގައި އަތެއް ނުލެވުނެވެ. ގާތްގަނޑަކަށް ބާރަދުވަހު ހަމަލާތަކެއް ދީފައި އެންމެފަހުން ހޯހޯއޭ ގޮވައި ހަނގުރާމަ ހުއްޓާލައިފައި ދުރަށް ޖެހިލައިފިއެވެ.
އެ ހަނގުރާމައަށް 8 މަސް ފަހުން އަނެއްކާވެސް ރައީސް ޓްރަމްޕުގެ އަމުރަށް އެމެރިކާގެ ލަޝްކަރު އީރާނުގެ ކައިރިއަށް ޖަމާކޮށްފިއެވެ. އެނެރިކާގެ ނޭވީގެ 35 އިންސައްތަ މިހާރު އެއޮތީ އީރާނުގެ ކައިރިއަށް ޖަމާކޮށްފައެވެ. އެއަރފޯހުގެ 50 އިންސައްތަވެސް އެއޮތީ އީރާނުގެ ކައިރިޔަށް އެއްކޮށްފައެވެ. ބޭނުމަކީ ބިރު ދައްކައިގެން އީރާނު ކުޑަކަކޫ މައްޗަށް ތިރިކުރުމެވެ. އެކަމެއްވެސް ކުރެވޭތީއެއް ނުފެނެއެވެ. ޓްރަމްޕު އޭނާގެ އެހީތެރިންނާ ކޮންމެ ދުވަހަކުވެސް ކުރައްވާ ސުވާލަކީ މިއެވެ. މިވަރުންވެސް އީރާނު ބިރު ނުގަންނަނީ ކީއްވެ ބާވައެވެ. މިހިސާބުން މިހާރު އަނެއްކާވެސް އެއުޅެނީ މަޝްވަރާތަކެއް ފަށައިގެންނެވެ. އީރާނުގެ ބުނުން ވަރަށް ސާފެވެ. ޓްރަމްޕުގެ ފުރަތަމަ ދައުރުގައި ވީދާލި އެއްބަސްވުން އަލުން ރުޖޫއަ ކުރާށެވެ. މިހާރު ފެންނަ ފެނުމުގައި ޓްރަމްޕަކަށް އެހެން ގޮތެއް ނެތެވެ. ހަމަލަދޭކަށްވެސް ނުކެރެއެވެ. ލަދެއްގައި ނުބެދި ސަލާމަތްވެސް ވާން އެބަޖެހެއެވެ. ދެން އޮތް ހަމައެކަނި ގޮތަކީ އެއްކަލަ އެއްބަސްވުމަށް އަލުން ރުޖޫއަވުމެވެ.
އިމާދު ލަތީފު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ