އޮއިވަރު މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 16 އަދި 17ގައި ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

މި ކޮންފަރެންސްގެ މަގްސަދަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އަދި މި ދާއިރާގެ އެކި އެކި ފަރާތްތަކާ އެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި، މަޝްވަރާތައްކޮށް މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަމެއްދީ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކުރިއެރުވުމަށްވެސް ބޭންކުން އިސްކަންދެއެވެ.