މާލޭ ލޯކަލް މާރުކޭޓު ކުރިމައްޗަށް ކައިިރި ކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލުން ރޭ ކުރި ޕޯސްޓެއްގައި ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު ވަނީ އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށާފައި ކަމަށެވެ.
އަދި އެ ސަރަހައްދަށް ކައިރިކުރާ އުޅަނދުތަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ މީގެކުރިން އެ ސަރަހައްދުން ލިބެން ހުންނަ ހިދުމަތެއް ނޫނެވެ.
ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އާ ފައްތިއްޔާތައް ބޭނުންކުރަން ފެށުން ކަމަށް އެމްޕީއެލުން ބުންޏެވެ.
އެ ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ހަމައެއާއެކު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މާލޭ ބާޒާރުމަތީ މަގު ފުޅާ ކުރުމުގެ މަސައްކަތަށްފަހު އަލުން ހުޅުވާލީ ރޯދަމަސް ފެށެން ކައިރިވެފައި ވަނިކޮށެވެ. އެއާއެކު މާލޭގައި އެންމެ ކާރޫބާރޫ ބޮޑު އަދި ޓްރެފިކް އެންމެ ބޮޑަށް ތޮއްޖެހޭ އެއް ސަރަހައްދު ކަމަށް ވިޔަސް ބޮޑުތަކުރުފާނު މަގު ފުޅާކުރުމާ އެކު، އެތައް ޒަމާންވީ އެ އުނދގޫ މައްސަލަ މިހާރު ވަނީ އެއްކޮށް ހައްލުވެފައެވެ.
ނޯތު ހާބަރު ސަރަހައްދު، މުދަލާއި ފަސިންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑިފަހަރަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އާއިޝަތު މާހާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް