އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެން އީރާނާއި އެމެރިކާޔާ ދެމެދު މިފަހަރު ހަނގުރާމައެއް ހިނގާނެ ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކޮށްފިއެވެ. އީރާނާމެދު ރައީސް ޓްރަމްޕު އަލަށް ވިދާޅުވީ ކީކޭ ބާވައެވެ. ވިދާޅުވިއެވެ. އެމެރިކާއަށް ގަބޫލުކުރެވޭ ޒާތުގެ އެއްބަސްވުމެއް ގާއިމުކުރަން އީރާނަށް ދެން ދިގު މުއްދަތެއް ނުވަތަ ވަގުތެއް ނެތެވެ. އޮތީ ދިހަ ދުވަހާއި ފަނަރަ ދުވަހާ ދެމެދުގެ މުއްދަތެކެވެ. އެ މުއްދަތުގެ ތެރޭގައި އީރާނުން އެއްބަސްވުމަކަށް ނާތުވެއްޖެނަމަ އެމެރިކާއަށް އެއްފިޔަވަޅު ކުރިއަށް އަޅަން މަޖުބޫރުވާނެއެވެ. އަޅާނަމެވެ. އެއްބަސްވުމަކަށް އަތުވެެއްޖެނަމަ ހުރިހާ ކަމެއް ހައްލުވީއެވެ. އީރާނަށް އޮތީ ދިހަ ދުވަހާއި ފަނަރަ ދުވަހާ ދެމެދުގެ ވަގުތެކެވެ. އެއަށްވުރެ ދިގު މުއްދަތެެއް ނެތެވެ. ނުދޭނަމެވެ. އެހިސާބަށް ދާއިރު އެއްބަސްވުމެއް ފައިދާ ނުވެއްޖެނަމަ ވަރަށް ދެރަގޮތްތަކެއް މެދުވެރިވެދާނެއެވެ. ޓްރަމްޕު މިވިދާޅުވާ ބަސްފުޅުގެ މާނައަކީ ކޮބައިހެއްޔެވެ.
އޭނާ ވިދާޅުވަނީ މިހެންނެވެ. އެމެރިކާއާއި އިޒްރޭލުގެ ހުރިހާ ޝަރުތުތަކެއް ގަބޫލުކޮށް ނިއުކުލިއަރ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމް ހުއްޓާލައި ފައްކާކުރެވިފައިވާ ޔުރޭނިއަމް އީރާނުން ބޭރުކުރުމަށް އެއްބަސްވާން ދެންއޮތީ އެންމެ ދެ ހަފުތާގެ މުހުލަތެކެވެ. މި މުހުލަތުގެ ތެރޭގައި މިކަންކަމަށް އީރާނު އެއްބަސް ނުވެއްޖެނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއްދީ ސުންނާފަތިކޮށްލާނަމެވެ. ޓްރަމްޕު ކިތަންމެ ގިނަ އިންޒާރެއް ދެއްވިޔަސް މި ޝަރުތުތައް އީރާނުން ގަބޫލެއް ނުކުރާނެއެވެ. ނުކުރެވޭނެއެވެ. މިސައިލް ޕްރޮގްރާމަކީ އީރާނުން އެއްވެސް ބަޔަކާއެކު މަޝްވަރާ ކުރާނޭ ޕްރޮގްރާމެއް ނޫނެވެ. އަދި ފައްކާ ކުރެވިފައިވާ ޔުރޭނިއަމް އީރާނުން ބޭރުކުރުމަކީވެސް އެއްބަސްވާނެ ކަމެއް ނޫނެވެ. އެވާހަކަ ތަކުރާރުކޮށް އީރާނުން ވަނީ ދައްކައިފައެވެ. އަންގައިފައެވެ. ނިއުކުލިއަރ މަޝްރޫއަށް އުނިއިތުރެެއް ގެނައުމަށް އީރާން އެއްބަސްވާނީ އީރާނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސްވި އިރަކުންނެވެ.
މިދެންނެވި ޔަގީންކަން ދިނުމަކީ އެމެރިކާއިން ކުރަން އެއްބަސްވާ އަދި ރުހޭ ކަމެއް ނޫނެވެ. އެހެންވީމާ ދެންވާނެ ގޮތް ވަރަށް ސާފެވެ. އެއްބަސްވުމެެއް ފައިދާއެއް ނުކުރެވޭނެއެވެ. އެކަން ނުކުރެވޭނަމަ ރައީސް ޓްރަމްޕު އެވިދާޅުވަނީ ހަމަލަދީ ހަނގުރާމަ ކުރާނޭ ވާހަކައެވެ. ޓްރަމްޕުގެ އެންމެފަހުގެ މި އިންޒާރާ ގުޅިގެން ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވެފައިވަނީ މިހެންވެއެވެ. ޓްރަމްޕުގެ އިންޒާރަށް އީރާނު ބިރުގަނޭ ބާވައެވެ. ޖެހިލުންވޭ ބާވައެވެ. ހިޔެެއް ނުވެއެވެ. އީރާނު އެއޮތީ ހަނގުރާމައަކަށް ތައްޔާރުވެގެންނެވެ. އެމެރިކާއިން ހަމަލާއެއް ދީފިނަމަ ދެން ކަންކަން ކުރާނޭ ގޮތް ނިންމައިގެންނެވެ. އިސްވެ ހަނގުރާމަ ފެށުމަކީ އީރާނުގެ ނިޔަތެއް ނޫނެވެ. އީރާނަކުން އިސްވެ ހަނގުރާމައެއް ނުފަށާނެއެވެ. އެމެރިކާއިން އިސްވެ ހަމަލައެއް ދީފިނަމަ މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ އެންމެހައި މަރުކަޒުތަކާއި އިޒްރޭލަށް އީރާނުން ހަމަލަދޭނެއެވެ. ރަމްޒީ ހަމަލަތަކެއް ނޫނެވެ. ލިބިފައިވާ އެންމެހައި ވަސީލަތްތައް ބޭނުންކޮށްގެން ވަރަށް ވަރުގަދަ ހަމަލާތަކެކެވެ.
އީރާނުގެ ކައިރިޔަށް އެމެރިކާއިން ޖަމާކޮށްފައިވާ މަނަވަރުތަކަށްވެސް ހަމަލަދޭނެއެވެ. މަތިންދާބޯޓު އުފުލާ މަނަވަރުތައްވެސް ހިމެނޭ ގޮތުންނެވެ. މިޒާތުގެ މަނަވަރުތައް ކަނޑުގެ އަޑިޔަށް ފޮނުވައިލުމުގެ ކެރިކުޅަދާނަކަން އީރާނުގެ ކިބައިގައި އެބަހުރިކަމަށް އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެވެވަޑައިގެންފައެވެ. ހުސްވި ހަފުތާގެ ތެރޭގައި ދެއްވި ތަގުރީރެއްގައެވެ. އެމެރިކާގެ ނޭވީއަށް ނިސްބަތްވާ މަނަވަރުތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މިހާރު އެއޮތީ އީރާނުގެ ކައިރިއަށް ޖަމާކޮށްފައެވެ. އެހެންވީމާ އީރާނުގެ ރައްދު ހަމަލައިގައި ފެތޭނީ އެންމެ މަނަވަރެއް ނޫނެވެ. އެމެރިކާ ސިފައިންގެ ތެރެއިން މަރުވާނީ މަދުބައެއް ނޫނެވެ. ބައިވަރެވެ. މިއީ އެމެރިކާއަށް އަދާކުރަން ރުހެވޭނެ އަގެއް ނޫނެވެ. މިސަބަބާހެދި އީރާނަށް ހަމަލަދިނުމަކީ އެމެރިކާއަށް ފަސޭހަކަމަކަށް ނުވާނެއެވެ. ރައީސް ޓްރަމްޕު ދެއްވަމުން ގެންދަވާ އިންޒާރުތަކަކީ ބިރު ދެއްކުމެކެވެ. މިކަމުން ބޯދަމައިގަތުމަށް ހުއްޖަތެއް ނެރެވޭތޯ ކުރައްވާ ކަމެކެވެ.
ކޮންމެއަކަސް ޓްރަމްޕުގެ ފަރާތުން ޒާތްޒާތުގެ އިންޒާރުތައް އިވެމުންދާއިރު ފަރުދާގެ ފުރަގަހުގައިވެސް ކަންތައްތަކެއް އެބަހިނގައެވެ. އީރާނާއި އެމެރިކާޔާ ދެމެދު މަޝްވަރާތަކެއްވެސް އެބަކުރެވެއެވެ. އޮމާނުގެ މަސްކަތާއި ސުވިޒަރލެންޑުގެ ޖެނީވާގައި ދެބުރެެއްގެ ވާހަކަތައް މިހާތަނަށް ވަނީ ބޭއްވިފައެވެ. އެވާހަކަތަކުގައި ދެފަރާތުން ބައިވެރިވާ މަންދޫބުންގެ ބަސްމަގަށް ވިސްނާއިރު މޭރުންވާ އެއްޗަކީ ކުރިއެރުންތަކެއް ހާސިލް ކުރެވިދާނޭ ކަމެވެ. ވާހަކަތައް ކުރިއަށް ގެންދާނޭ ގޮތުގެ މަގެެއް ކޮށައި އަލިކުރެވިފައިވާ ކަމަށް ދެފަރާތުންވެސް ވަނީ ބުނެފައެވެ. މީގެ މާނަޔަކީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އެމެރިކާ އެއްބަސްވާ ކަމުގެ އިޝާރާތެއް ލިބުމެވެ. މި މަޝްވަރާތަކަށްފަހު އެމެރިކާއިން ބުނުން އެކަށީގެންވެއެވެ. އެއްބަސްވުމެއް ފައިދާ ކުރެވިއްޖެއެވެ. އެހެންވީމާ ދެން މިކަން މިވަގުތަކަށް ނިމުނީއެވެ. އެއޮތީ ލަދެއްގައި ނުބެދި ބޯދަމައިގަތުމަށް ދޮރެއް ހުޅުވިފައެވެ. ފެންނަ ފެނުމުގައި އެމެރިކާއިން އަމަލުކުރުން ގާތީ މިގޮތަށެވެ.
އެމެރިކާ ބޭނުންވީމާ ބޭނުންއިރަކު އީރާނަށް ހަމަލަދީ ސުންނާފަތި ކުރަން ދޫކޮށްލުމަކީ ޗައިނާއިން ކުރާނޭ ކަމެއް ނޫނެވެ. ޗައިނާގެ ހަކަތައިގެ ޔަގީންކަން ގުޅިފައިއޮތީ އީރާނާއެވެ. އަނެއްކޮޅުން އީރާނު ގިނިކަންޏާ ދޫކޮށްލުމަކީ ރަޝިޔާގެ މަސްލަހަތެއްވެސް ނޫނެވެ. އީރާނާ ގުޅިގެން މިވަގުތުވެސް ޗައިނާއާއި ރަޝިޔާއިން އެގެންދަނީ ކަނޑުގެ ސިފައިންގެ ތަމްރީނެއް ކުރިއަށެވެ. މިކަމުން ދޭން ބޭނުންވާ މެސެޖަކީ އީރާނު އޮތީ އެކަނި ނޫންކަމެވެ. އަނެއްކޮޅުން ސައިޕްރަސް އާއި ޑިއޭގޯ ގާރސިޔާގައިވާ އިނގިރޭސި އަސްކަރީ މަރުކަޒުތަކުގެ ބޭނުން ހިފައިގެން އީރާނަށް ހަމަލަދިނުމަކީ އިނގިރޭސިން ރުހޭކަމެއް ނޫންކަމަށް ލަންޑަނުންވެސް ވަނީ ބުނެފައެވެ. ގަލްފުގެ ގައުމުތަކުން އެގޮވަނީ ހޯހޯއެވެ. މިހިރީ ހައްތާވެސް ހަނގުރާމައެއް ނުފަށާނޭކަމާއި ފެށުމުގެ ފުރުސަތު ހަނިކަމަށް ދަލީލުކުރާ ކަންކަމެވެ. ކޮންމެއަކަސް ދެންވާނެ އެއްޗެއް ބަލަންތިބެމާ ހިގާށެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން