އަންނަމަހު ނަސާއިން ހަނދުގެ ސަތަހައަށް އިންސާނުން ފޮނުވަން ނިންމައިފިއެވެ.

50 އަހަރު ފަހުން އިންސާނުން ހަނދާ ކައިރިޔަށް ހަނދުގެ ސަަތަހައަށް ފޮނުވުމަށް ނާސާއިން ފަށާ މިޝަންގައި އަންނަ މަހުގެ ކުރީކޮޅު ހާއްސަ ޓީމެއް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އާޓެމިސް 2 މިޝަން ނަމުން ނަންދީފައިވާ އެމިޝަންގައި ހަނދުގެ ސަތަހައަށް ކުރާ ދަތުރު 10 ދުވަހަށް ދެމިގެން ދާނެ ކަމަށް ނާސާއިން ބުނެއެވެ.

މާޗް މަހުގެ 6 ނުވަތަ 7 ގައި ލޯންޗު ކުރުމަށް ހަމަޖެހިފައިވާ ހާއްސަ ރޮކެޓެއްގައި އިންސާނުން ހަނދުގެ ސަތަހައަށް ފޮނުވުމަށް ނާސާއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޝަންގައި ބޭނުން ކުރާ ރޮކެޓު ޓެސްޓުކޮށްފައިވާ އިރު ދެ ފަހަރެއްގެ މަތިން ވަނީ ޓެކްނިކަލް މައްސަލަ ޖެހިފައެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުން ލޯންޗު ކުރުމަށް ހަމަޖެހިފައިވާ އެރޮކެޓުގައި އިންސާނުން ތިބޭނީ ހާއްސަ ކެޕްސޫލެއްގައެވެ.

އޮރިއަން ކެޕްސޫލް ނަމަކަށް ކިޔާ އެކެޕްސޫލު ދުނިޔެ ވަށާ ބުރެއް ޖެހުމަށްފަހު ހުރިހާ ކަމެއް ރަނގަޅު ނަމަ މިސްރާބު ޖަހާނީ ހަނދާ ދިމާލަށް ކަމަށް ނާސާއިން ބުނެއެވެ.

ނާސާއިން ވަނީ މި މިޝަންގެ އެންމެ ބޮޑު މަގުސަދަކީ ހަނދުގެ ދުރު ފަޅިއަށް އިންސާނުން ފޮނުވުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް އެމިޝަން އަށް ބޭނުންވާ ޓެސްޓުތައް ހެދުން ކަމަށް ބުނެފައެވެެ.