މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް އާއި އޭނާގެ އަންހެނުން ޝްވެތަމްބަރީ ބަޓް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
މި ދެމަފިރިންގެ މައްޗަށް ތުހުމަތުކުރެވެނީ އިންދިރާ އައިވީއެފްގެ ބާނީ ޑރ. އަޖޭ މުރްދިއާގެ އަތުން 30 ކްރޯޑް ރުޕީސް މަކަރާއި ހީލަތުން ހޯދިކަމަށެވެ. މި މައްސަލައިގައި ރާޖަސްތާނުގެ އުދައިޕޫރު ފުލުހުން މިދިޔަ ޑިސެމްބަރު މަހު މުމްބާއީން އެ ދެމަފިރިން ހައްޔަރުކޮށް، ޖުޑީޝަލް ކަސްޓަޑީގައި ބަންދުކޮށްފައި ތިބޭތާ ދުވަސްތަކެއް ވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންތު ރިޔާސަތު ބެލެހެއްޓެވި ބެންޗުން މި އަމުރު ނެރުއްވީ އިއްޔެއެވެ. ކޯޓުން ފާހަގަކި ގޮތުގައި، އެފްއައިއާރުގައި މަކަރާއި ހީލަތުގެ ވާހަކަ އޮތް ނަމަވެސް، މިއީ އަސާސީ ގޮތުން ބަލާއިރު "ވިޔަފާރީގެ މުއާމަލާތަކާ ގުޅުންހުރި" މަދަނީ މައްސަލައެއް ކަމަށް ފެންނަ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި ދެ ފަރާތުން ވެސް މީޑިއޭޝަން ނުވަތަ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އިރުޝާދު ދީފައެވެ.
މައްސަލަ ހުށަހެޅި ޑރ. މުރްދިއާ ބުނެފައިވާ ގޮތުގައި، ވިކްރަމް ބަޓް ވަނީ އޭނާގެ މަރުވެފައިވާ އަނބިމީހާގެ ހަނދާނުގައި ފިލްމެއް އުފައްދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައެވެ. ނަމަވެސް އެ ފައިސާ ފިލްމު އުފެއްދުމުގެ ބަދަލުގައި އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެއެވެ.
ވިކްރަމް ބަޓްގެ ވަކީލު ސިދާތު ދޭވް ކޯޓުގައި ބުނީ، އެއްބަސްވުމާ އެއްގޮތަށް ހަތަރު ފިލްމެއް އުފެއްދުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ދެ ފިލްމު ނިމިފައިވާ ކަމަށާއި ތިންވަނަ ފިލްމުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ވިކްރަމް ބަޓް ބަންދުގައި ހުރުމުގެ ސަބަބުން މި މަސައްކަތްތައް ނުނިންމޭނެ ކަމަށް ވަކީލު ފާހަގަކުރިއެވެ.
މީގެ ކުރިން ރާޖަސްތާން ހައިކޯޓުން ވަނީ މި ދެމަފިރިންގެ ކަފާލާތުގެ މައްސަލަ ބޭރުކޮށްލައިފައެވެ. ސުޕްރީމް ކޯޓުން މި ނިންމުން ބަދަލުކޮށް، ޝްވެތަމްބަރީ ބަޓްއަށް ކުރިން ދީފައިވާ ވަގުތީ ކަފާލާތު ދާއިމީކޮށް، ވިކްރަމް ބަޓް ވެސް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް