ރަމަޟާން މަހަކީ ހަމައެކަނި އަޅުކަމުގެ މައްސަރެއް ނޫނެވެ. މިއީ ގޭތެރޭގެ މަސައްކަތްތަކާއި، ވަޒީފާގެ ޒިންމާތަކާއި، ދަރިން ބެލުމުގެ ބުރަ ވެސް އެތައް ގުނައަކަށް އިތުރުވެގެންދާ މަހެކެވެ. ހާއްސަކޮށް އަންހެން ބޭފުޅުންނަށް މިއީ ނުހަނު ބުރަ ދުވަސްތަކެކެވެ. މި ހުރިހާ ކަމެއްގެ ތެރެއިން، ތިމާ ރާވާފައިވާ ގޮތަށް ޤުރުއާން ނުކިޔެވުމުން ނުވަތަ ތަރާވީހަށް ނުދެވުމުން ހިތުގައި އުފެދޭ ކުށްވެރިކަމުގެ އިހުސާސަކީ ގިނަ ބަޔަކު ތަޖުރިބާކުރާ ކަމެކެވެ. "އަހަރެންނަށް އެކަށީގެންވާ ވަރަށް އަޅުކަން ނުކުރެވެނީއޭ" ހިތަށް އަރައި، އަމިއްލަ ނަފްސަށް އޮންނަ ޕްރެޝަރު ބޮޑުވެއެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ، އިންސާނާގެ ކުޅަދާނަކަން ހުންނަ މިންވަރެވެ. ހުރިހާ ކަމެއް ފުރިހަމައަށް ނުވުމަކީ މައްސަލައެއް ނޫނެވެ. މުހިންމީ ތިމާގެ ނިޔަތާއި ކުރެވޭ މިންވަރަކުން އެކަން ފުރިހަމައަށް ކުރުމެވެ.

ނަފްސާނީ ބަދަލުތަކާއި ކުރިމަތިލުން

ރޯދައަށް ހުންނައިރު ހަށިގަނޑަށް އަންނަ ބަދަލުތަކާއެކު ނަފްސާނީ ގޮތުން ވެސް ބަދަލުތަކެއް އާދެއެވެ. ކެއިންބުއިމުގެ އާދަތައް ބަދަލުވުމާއި، ނިދި މަދުވުމާއި، ކެފެއިން ނުލިބުމުގެ ސަބަބުން މީހާގެ މޫޑު ގޯސްވުމަކީ (އިރިޓަބިލިޓީ) ވަރަށް ގާތް ކަމެކެވެ. ކުދިކުދި ކަންކަމާ ރުޅިގަދަވެ، އާއިލާގެ މީހުންނާ ދެބަސްވެވޭ ހިސާބަށް ދަނީ މިހެންވެއެވެ. މިއީ ތިމާގެ އީމާންތެރިކަން ކުޑަވުމެއް ނޫނެވެ. މިއީ ހަށިގަނޑުގެ ތޮބީއީ ސިފައެކެވެ. މުހިންމު ކަމަކީ މިކަން ދެނެގަތުމެވެ.

އަމިއްލަ ނަފްސުގެ "އިމޯޝަނަލް ޓްރިގާސް" ނުވަތަ ރުޅިގަދަވާ ސަބަބުތައް ދެނެގަނެ، އެ ވަގުތުތަކުގައި މަޑުމައިތިރިވުމަށް މަސައްކަތް ކުރާށެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ވާ ނުތަނަވަސްކަމަކީ އެހެން މީހުންގެ މައްޗަށް ބާލަން ޖެހޭ ރުޅިއެއް ނޫންކަން ގަބޫލުކޮށް، ރުޅި އަންނަ ވަގުތު ވުޟޫކޮށްލައިގެން ހަމަޖެހިލުމަކީ އެންމެ ރަނގަޅު އެއް ފަރުވާއެވެ.

އަރާމުކުރުމަކީ ވެސް އަޅުކަމެއް

ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ރޯދަމަހު އަރާމުކުރުމަކީ ވަގުތު ބޭކާރުކުރުން ކަމަށެވެ. ނަމަވެސް، ހަގީގަތަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި އަރާމުކުރުމަކީ ވެސް އަޅުކަމުގެ ތެރެއިން ވާ ކަމެއް ކަމެވެ. ވަރުބަލިވެފައިވާ ސިކުނޑިއަކާއި ހަށިގަނޑަކާއެކު ކުރާ އަޅުކަމަށްވުރެ، ހަމަޖެހިލައިގެން ހުރެ ކުރާ އަޅުކަމުގެ ފެންވަރު ރަނގަޅުވާނެއެވެ. ދުވާލުގެ ވަގުތެއްގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަރާމުކޮށްލުމަކީ، ރޭއަޅުކަމުގައި ހަމަޖެހިލައިގެން ކޮޅަށް ހުރުމަށް ލިބޭ ހަކަތައެކެވެ.

މީގެ އިތުރުން "މައިންޑްފުލްނަސް" ނުވަތަ ހޭލުންތެރިކަމާއެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެކެވެ. ފޯނާ ދުރުވެ، ހަމަހިމޭން ވަގުތުކޮޅެއް ހޯދާށެވެ. އެއީ ޒިކުރު ކުރުމުގައި ނުވަތަ ހަމައެކަނި ފުންކޮށް ނޭވާލުމުގައި ވިޔަސް މެއެވެ. ނަފްސަށް ލުއި ދިނުމަކީ ފަރުވާކުޑަކުރުމެއް ނޫނެވެ. އެއީ ދެމެހެއްޓެނިި ގޮތެއްގައި އަޅުކަން ކުރުމަށް އެޅޭ ބާރެކެވެ. ހަށިގަނޑަށް ބޭނުންވާ އަރާމު ދިނުމަކީ، ރޯދައިގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އަމިއްލަ ނަފްސަށް އޯގާތެރިވުން

ރަމަޟާން މަސް ނިމިގެންދާއިރު، ކުރެވުނު ކަންކަމަށްވުރެ ނުކުރެވޭ ކަންކަމާމެދު ވިސްނައި ހިތާމަ ނުކުރާށެވެ. އޭގެ ބަދަލުގައި ކުދިކުދި ކާމިޔާބީތައް ފާހަގަކުރާށެވެ. އާއިލާއަށް ރޯދަވީއްލުން ތައްޔާރުކޮށްދިނުމަކީ ވެސް މަތިވެރި ސަދަޤާތެކެވެ. މީހަކަށް ހިނިތުންވެލުމަކީ ވެސް އަޅުކަމެކެވެ. އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ. މިއަދު ނުކުރެވުނު ކަމެއް މާދަމާ ކުރަން އަޒުމް ކަނޑައަޅާށެވެ. ރޯދަމަހުގެ ބަރަކާތް ހާސިލުވަނީ ހަމައެކަނި އަޅުކަމުގެ އަދަދަކުން ނޫނެވެ. އެކަން ކުރާ ހިތުގެ އިޚްލާސްތެރިކަމާއި ނަފްސުގެ ސާފުކަމުގެ މައްޗަށެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމާއެކު ރޯދަމަހުގެ ދުވަސްތައް ގުނާލަމާ ހިންގަވާށެވެ.