ކާތިކް އާރިޔަން އާއި އަނަންޔާ ޕާންޑޭ ލީޑު ރޯލުން ފެންނަ ރޮމޭންޓިކް ކޮމެޑީ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ" މިއަދުން އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމު، މީގެ ކުރިން މި މަހުގެ ކުރީކޮޅު ޕްރައިމް ވީޑިއޯގައި ކުއްޔަށް ނަގައިގެން ބެލޭ ގޮތަށް ހުޅުވާލިއެވެ.

ސަމީރު ވިދްވާންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޒަމާނީ ލޯބީގެ ގުޅުންތަކާއި ކައިވެނީގެ މައްސަލަތަކަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކައިވެންޏާއި ސީރިއަސް ގުޅުންތަކަށް ނަފުރަތުކުރާ ވެޑިން ޕްލޭނަރެއް ކަމަށްވާ ރޭ (ކާތިކް) އާއި، ލޯބީގެ ވާހަކަތައް ލިޔާ އަދި "އޯލްޑް ސްކޫލް" ލޯބި ގަބޫލުކުރާ ރޫމީ (އަނަންޔާ) އާ ދެމެދު އުފެދޭ ގުޅުމުގެ މައްޗަށެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އުފެއްދި މި ފިލްމަށް ސިނަމާތަކުގައި ބެލުންތެރިންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ. ފިލްމު ރިވިއުކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ކާތިކް އާއި އަނަންޔާގެ ކެމިސްޓްރީ ރަނގަޅު ނަމަވެސް، ފިލްމުގެ ސްކްރީންޕްލޭ އާއި ވާހަކަ ބަލިކަށީއެވެ. މިއީ 2019 ވަނަ އަހަރު ނުކުތް "ޕަތީ ޕަތްނީ އޯރް ވޯ" އަށްފަހު މި ދެ ތަރިން އެކުގައި ފެންނަ ދެވަނަ ފިލްމެވެ.

މި ފިލްމުގައި ކާތިކް އާއި އަނަންޔާގެ އިތުރުން ނީނާ ގުޕްތާ އަދި ޖެކީ ޝްރޮފް މުހިންމު ރޯލުތަކުން ފެނެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ވިޝާލް-ޝޭކަރެވެ.