ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް، ޓާމިނަލް 2 (ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް) އަށް ބަދަލުކޮށްފިއެވެ.

ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް، ޓާމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފެވެ.

17 ފެބްރުއަރީ 2026، ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް

އެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި، އެމްއޭސީއެލްގެ ބޯޑް މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި ޓާމިނަލްގެ އޮޕަރޭޝަންސްތައް ބަދަލުކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން ބައިވެރިވިއެވެ.

ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ޓަރމިނަލް 2 އަށް ބަދަލުކޮށްފައި މިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ.

އެ މަސައްކަތްތަކާ ގުޅޭގޮތުން އެމްއޭސީއެލުން ބުނީ ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓާމިނަލް 2 ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުންނާނެ ކަމަށާއި އަދި ސެކިއުރިޓީ ކްލިއަރެންސްއަށް ތިން މެޝިން ބެހެއްޓިފައިވާ އިރު، ހަ ޑިޕާޗާ ގޭޓު ހުންނާނެ ކަމަށެވެ.

17 ފެބްރުއަރީ 2026، ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް

އޭގެ އިތުރުން ޓާމިނަލް 2ގައި އަންހެން އަދި ފިރިހެނުންނަށް ވަކި ދެ ނަމާދު ކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެ ކަމަށާއި އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށްވެސް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޓާމިނަލް 2 ގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ބެހެއްޓިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެ ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއާޕޯޓުގައި ކުރިމަތިވާ ތޮއްޖެހުން ކުޑަކޮށް، ދަތުރުކުރާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.