ރޯދަމަހު ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާކުރެވޭނެ މަގު ފަހިކުރުމަށް ޝެޑެއް ގާއިމުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލުން ބުނީ ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މާލޭ ވިޔަފާރި ބަނދަރުން ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ކަމަށާއި ވަކިން ހާއްސަކޮށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވާ ކަމަށެވެ.
އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ގާއިމުކޮށްފައިވާ ކަމަށެވެ.
މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، މިފަދަ ހަލުވި ކަމާއެކު ކްލިއާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް، 13،113 ޕެކޭޖްގެ ޕެރިޝަބަލް (އަވަހަށް ކުނިވާ ޒާތުގެ) މުދާ ވަނީ ކްލިއާ ކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އެއީ ޖުމުލަ 480 ޓަނޭޖްގެ ޕެރިޝަބަލް މުދަލެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މިވަގުތު ޕެރިޝަބަލް މުދާ އުފުލާ ދެ ބޯޓު އެބައޮތް ކަމަށާއި އެ ދެ ބޯޓުން މިއަދު މުދާ ހުސްކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިރޭ 12:00 އާ ހަމައަށް ކްލިއާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އާއިޝަތު މާހާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް