ޗެކް ބައުންސްވުމުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރާޖްޕާލް ޔާދަވް އަށް ދިއްލީ ހައިކޯޓުން ވަގުތީ ބެއިލް ދިނުމާ ގުޅިގެން ތިހާރު ޖަލުން މިނިވަންވާން ތައްޔާރުވެއްޖެއެވެ.
މި މައްސަލައިގައި ރާޖްޕާލް ޔާދަވްއަށް ބެއިލް ދީފައިވަނީ އަންނަ މާޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯޓުން މި ގޮތަށް ނިންމީ، މައްސަލަ ހުށަހެޅި ފަރާތް ކަމަށްވާ 'މުރްލީ ޕްރޮޖެކްޓްސް' އަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 1.5 ކްރޯޑް ރުޕީސް ރާޖްޕާލް ދެއްކުމުންނެވެ.
ޖަސްޓިސް ސްވަރްނާ ކާންތާ ޝަރްމާގެ ބެންޗުން މި އަމުރު ނެރުއްވީ، ރާޖްޕާލްގެ އާއިލީ ކައިވެނި ހަފުލާއެއްގައި ބައިވެރިވުމަށްޓަކައި ހުކުމް ފަސްކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. ބެއިލް ދިނުމުގެ ޝަރުތެއްގެ ގޮތުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި ކޯޓުގެ ހުއްދަ ނެތި ގައުމުން ބޭރަށް ނުދިއުމަށް އަންގައިފައެވެ.
މި މައްސަލައިގެ ފެށުމަކީ 2010 ވަނަ އަހަރު ރާޖްޕާލް ޑައިރެކްޓްކުރި ފިލްމު 'އަތާ ޕަތާ ލާޕަތާ' އުފެއްދުމަށް ނެގި 5 ކްރޯޑް ރުޕީސްގެ ލޯނެކެވެ. ފިލްމު ނާކާމިޔާބުވުމާ ގުޅިގެން ލޯނު އަނބުރާ ނުދެއްކި، އިންޓަރެސްޓާއެކު ދަރަނި ވަނީ 9 ކްރޯޑް ރުޕީސް އަށް އަރާފައެވެ. މި ފައިސާ ދެއްކުމަށް ދޫކުރި ޗެކްތައް ބައުންސްވުމާ ގުޅިގެން 2018 ވަނަ އަހަރުވެސް ރާޖްޕާލް ވަނީ ޖަލު ހުކުމެއް ތަންފީޒުކޮށްފައެވެ.
މި ފަހަރު ރާޖްޕާލް ޖަލަށްލީ ކޯޓަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، މި މަހުގެ ކުރީކޮޅު އަމިއްލައަށް ކޯޓަށް ހާޒިރުވުމުންނެވެ. ރާޖްޕާލްގެ ގާނޫނީ ވަކީލުން ބުނެފައިވަނީ ބެއިލްގެ މުއްދަތުގައި ބާކީ ހުރި ފައިސާ ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް