ބަންގްލްދޭޝްގެ އައު ބޮޑުވަޒީރު މި ހަފުތާގެ އަންގާރަ ދުވަހު (މާދަމާ) މަގާމުގެ ހުވާ ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ. އުމުރުން 60 އަހަރުވީ ތާރިގުއްރަހުމާނު އިނގިރޭސިވިލާތުގެ ލަންޑަނުގައި އަމިއްލަފުޅަށް އަރުވައިލެއްވިގެން ހުންނަވާތާ ސަތާރަ އަހަރަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވިތާ އަދިމިވީ އެންމެ ދެމަހެވެ. މި ކުޑަކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ ބަންގަދޭޝް ނެޝަނަލް ޕާޓީ، ބީއެންޕީއަށް ހުސްވި ހަފުތާގައި ބޭއްވުނު އާއްމު އިންތިޚާބު ކާމިޔާބުކޮށްދެއްވައިފައެވެ. ބަންގްލަދޭޝްގެ ގާނޫނުހަދާ މަޖިލީހުގައި ތިއްބަވަނީ ޖުމްލަ 350 މެންބަރުންނެވެ. އޭގެތެރެއިން 50 މެންބަރުންނަކީ އައްޔަން ކުރެވޭ މެންބަރުންނެވެ. އިންތިޚާބު ކުރެވެނީ 300 މެންބަރުންނެވެ. އޭގެތެރެއިން 210 ގޮނޑި ތާރިގުއްރަހުމާނުގެ ބީއެންޕީ ވަނީ ކާމިޔާބުކޮށްފައެވެ. މާނަޔަކީ ގާނޫނުހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އެ ޕާޓީއަށް ލިބުމެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް ކަށަވަރުވުމެވެ.

އެހެން އެއްވެސް ބަޔަކާ ނުގުޅި އަމިއްލައަށް ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު އޮތީ ތަނަވަސްވެފައެވެ. ބީއެންޕީއަށްފަހު ދެން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޖަމާއަތު އިސްލާމީއެވެ. އެމީހުން ވަނީ 68 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ ކުރީގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ ދައުރުގައި މަނާކުރެވިފައިއޮތް ޕާޓީއެކެވެ. ކޮންމެއަކަސް ތާރިގުއްރަހުމާނުގެ އައު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީއެއްގެ ދައުރު މަޖިލީހުގައި އަދާކުރާނީ މި ޕާޓީންނެވެ. މިއީ ޖަމާއަތު އިސްލާމީ ޕާޓީގެ މުޅި ތާރީޚުގައިވެސް އެމީހުންނަށް މަޖިލީހުގެ މިހައި ގިނަ ގޮނޑި ލިބުނު ފުރަތަމަ ފަހަރެވެ. ޖަމާއަތު އިސްލާމީއަކީ ތާރިގުއްރަހުމާނުގެ ބީއެންޕީއާ ގުޅުން ބޮޑު ޕާޓީއެކެވެ. ކޯލިޝަން ހަދަންޖެހިއްޖެނަމަ އެކަމާމެދު މަޝްވަރާއަށްވެސް ތައްޔާރަށް އޮތް ޕާޓީއެކެވެ. އެހެންވީމާ އަލަށް ހޮވުނު މަޖިލިސް ފެންނަނީ ހުރިހައި ގޮތަކުން އައު ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއްގެ ގޮތުގައެވެ. އިދިކޮޅުގެ މާބޮޑު އުދަބާނިތަކެއް އުފެދުމުގެ ފުރުސަތު ވަރަށްވެސް ކުޑަ މަޖިލީހެއްގެ ގޮތުގައެވެ.

އެންމެފަހުގެ އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ އަވާމީ ލީގު ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ސަސްޕެންޑް ކޮށްފައި އޮތުމުންނެވެ. ހަމައެޔާއެކު ޝައިޚު ހަސީނާވެސް އަދި އެކަމަނާގެ އަރިސް ބޭފުޅުން ކަމުގައި ބެލެވޭ އެއްވެސް ބޭފުޅަކުވެސް މި އިންތިޚާބުގައި އެއްވެސް ގޮނޑިޔަކަށް ވާދައެއް ނުކުރައްވައެވެ. ހަސީނާ ހުންނެވީ އެކަމަނާގެ ވެރިކަން ވެއްޓުނު ދުވަހުން ފެށިގެން ފިއްލަވައިގެން އިންޑިޔާގައެވެ. ހަސީނާގެ އާއިލާގެ މެންބަރުންވެސް ތިއްބެވީ އެފަދައިންނެވެ. އޭގެ މާނަޔަކީ މަޖިލީހުގެ އެކި ގޮނޑި ގޮނޑިޔަށް ހަސީނާގެ ސަޕޯޓަރުން ކުރިމަތި ނުލުމެއް ނޫނެވެ. ކުރިމަތިލިއެވެ. މިނިވަން ކެންޑިޑޭަޓުންގެ ގޮތުގައެވެ. ކުދިކުދި ބައެއް ޕާޓީތަކުގެ ޓިކެޓްގައެވެ. އެފަދަ ކެންޑިޑޭޓުންނަށް މާބޮޑުވަރެއް ނުކުރެވުނެވެ. ރައްޔިތުން ބަލައިނުގަތީއެވެ. ފޭރާން ބަދަލުކުރިޔަސް ސޫރަ ފެންނާތީއެވެ. އެހެންވީމާ އައު ބޮޑުވަޒީރަށް ރައްޔިތުން އެވަނީ އިސްލާހީ ސިޔާސަތެއް ހިންގެވުމަށް ބޮޑުތަނުން ފުރުސަތު ދީފައެވެ.

ވެރިކަމުން ވެއްޓުނު ޕާޓީގެ ބައިވެރިވުމަކާއި ދައުރެއް ނެތަސް މިއީ ފަހުގެ ތާރީޚުގައި އެންމެ ގިނަބަޔަކު ވޯޓުލާން ނުކުތް އިންތިޚާބެވެ. އަދި ޖުމްލަކޮށް އެންމެ ސުލްހަވެރިކޮށް އޮމާންކޮށް މާބޮޑެތި ހަމަނުޖެހުންތަކެއް ނުހިގައި ބޭއްވުނު އިންތިޚާބެއްވެސް މެއެވެ. އެހެންވީމާ މި އިންތިޚާބުގެ ސައްހަކަމާއި ރައްޔިތުންގެ ނިންމުމާމެދު ސުވާލު ކުރުމުގެ ފުރުސަތެއްވެސް ނެތެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ފަސްދޮޅަސް އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. މިފަހަރުގެ އިންތިޚާބާއެކު އަދި އެހެން ކަމެއްގެ ވޯޓުވެސް ނަގާފައިވެއެވެ. ޖުލައިމަހުގެ ޗާޓަރޭ ކިޔުނު ގާނޫނީ އައު ބޮޑު ތަރުތީބަކަށް ރައްޔިތުން ރުހޭތޯ ބެލީއެވެ. މިދެންނެވި ޗާޓަރަކީ ކުރިއަށްއޮތް ތަނުގައި ވެރިކަމަށް އަންނަ ހަމައެއްވެސް ލީޑަރަކަށް ޚުދުމުޚުތާރުކަން އިޚުތިޔާރު ނުކުރެވޭނެހެން ދައުލަތުގެ އޮނިގަނޑާއި ގާނޫނީ ތޮށިގަޑަށް ގެނައި ބޮޑެތި އިސްލާހު ހިމެނޭ ޗާޓަރެކެވެ. އެއަށްވެސް ރައްޔިތުން ވަނީ އާނބަސް ބުނެ ރުހުން ދީފައެވެ.

މިދެންނެވި ޗާޓަރަކީ ހަސީނާގެ ވެރިކަން ވައްޓައިލުމަށް ކުރެވުނު މުޒާހަރާތަކުގެ ތެރެއިން ފައިދާވެގެން އައި ޗާޓަރެކެވެ. ބަންގްލަދޭޝްގެ ޑިމޮކްރަސީއަށް ބޭނުން އެއްޗެއް ހަދައިގެން ހަސީނާ ކުރިކަހަލަ ވެރިކަމެއް އެހެން މީހަކަށް ކުރެވޭނެ މަގު މުޅިން ބަންދުކުރުމަަށްޓަކައި އުފަން ކުރެވުނު ޗާޓަރެކެވެ. ކޮންމެއަކަސް ބީއެންޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމާއެކު ބޮޑުވަޒީރުކަމުގެ މަގާމު ބަންގްލަދޭޝްގެ ރައްޔިތުން ތާރިގުއްރަހުމާނާ ހަވާލުކުރީ މިދެންނެވި ޗާޓަރު ބަލައިގަތުމާވެސް އެކުގައެވެ. މީގެ މާނަޔަކީ ހަސީނާ ކުރެއްވި ކަހަލަ ވެރިކަމެއް ކުރައްވަން ތާރިގަށް ފުރުސަތެއް ނެތުމެވެ. ތާރިގުގެ ކުރިމަތީގައި އޮތް ހަމައެކަނި މަގަކީ ޑިމޮކްރަސީގެ މަގެވެ. އެހެންވެގެންކަން ނޭގެއެވެ. ތާރިގު ވިދާޅުވަމުން ގެންދަވަނީ އެންމެން އެއްގަލަކަށް އެރުމުގެ ވާހަކައެވެ. ދެބަސްވުންތައް އެއްފަރާތްކޮށް އެކުވެރިކަން އިސްކުރުމުގެ ވާހަކައެވެ. މާފުކޮށް ގައުމީ ވިސްނުން އިސްކުރުމުގެ ވާހަކައެވެ.

އޭނާ ވިދާލުވަމުން ގެންދަވަނީ ބަދަލުހިފުމާއި ހަސަދައިގެ އަލިފާނާ ދުރަށް ދިއުމުގެ ވާހަކައެވެ. އެހެންވީމާ ކުރިއަށްއޮތް ތަނުގައި ފެންނާނީ މުޅިން ތަފާތު ބަންގްލަދޭޝްއެއް ކަމަށް ހީކުރުމަށް ޖާގަލިބެއެވެ. ތާރިގުއްރަހުމާނާމެދު ހަސީނާގެ ވެރިކަމުގައި ކަންކަންކޮށްފައިވަނީ ވަރަށްވެސް ގޯސްކޮށެވެ. ބަރިބަރިޔަށް ދައުވާ އުފުލައި ބަރިބަރިޔަށް ހުކުމް އިއްވީއެވެ. ގައުމުން ބޭރުގައި ސަތާރަ އަހަރު ހުންނަވަން ޖެހުމުގެ ސިއްރަކީވެސް އެއީއެވެ. ކޮންމެއަކަސް އެއީ މިހާރު މާޒީއެވެ. އޭގެމަތިން ހަނދާންކޮަށް ބަދަލު ހިފުމުގެ ރޫހު އިސްކުރުމަކީ ތާރިގުގެ ވިސްނުންފުޅެއް ނޫނެވެ. ބަންގްލަދޭޝްގެ ރައްޔިތުން މިހާރު އުފާފާޅުކުރަމުންދަނީ އެހެންވެގެންނެވެ. އައު ފެށުމަކުން ފަށައިގަތުމެއް ކަމަށް ބަލައިގެންނެވެ. އައު ޒަމާނަކަށް އަލިވިލުމެއް ކަމަށް ބަލައިގެންނެވެ. އައު ބޮޑުވަޒީރު ހުވައިކުރެއްވުމާއި މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް އަވަށްޓެރި ގައުމުތަކުގެ އެންމެ އިސްވެރިން ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީވެސް އައު ބަންގްލަދޭޝްއެއް ފެންނާނެ ކަމުގެ އުންމީދުގައެވެ.