ބަންގްލަދޭޝްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބަށްފަހު، އެ ގައުމުގެ އާ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ބަންގްލަދޭޝްއަށް ފުރާވަޑައިގެންނެވީ މިރޭއެވެ. މި ދަތުރުފުޅަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހު 18 ގައެވެ.
މި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިގް ރަހްމާނާ ރައީސް ބައްދަލުކުރައްވާނެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ގައުމީ މަޖިލީހުގެ ސައުތު ޕްލާޒާގައެވެ.
މި ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން ހިމެނެއެވެ. މީގެ އިތުރުން ޗައިނާ، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ، ގަތަރު، މެލޭޝިއާ އަދި ބުރުނާއީގެ ވެރިންނަށް ވެސް ވަނީ ދައުވަތު އަރުވައިފައެވެ.
ބަންގްލަދޭޝްގައި އާ ސަރުކާރެއް އެކުލަވާލުމަށް މި ތައްޔާރުވަނީ 2024 ވަނަ އަހަރު ކުރި ލޭއޮހޮރުވުން ބޮޑު މުޒާހަރާތަކުގައި ޝައިހް ހަސީނާގެ 15 އަހަރުވީ ވެރިކަން ވައްޓާލުމަށްފަހުއެވެ.
މިދިޔަ ހަފުތާގައި ބޭއްވި އިންތިހާބު ކާމިޔާބުކުރީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި އެ ކޯލިޝަނުން ކާމިޔާބުކޮށްފައިވާ އިރު، އާ ބޮޑުވަޒީރަކަށް ވަޑައިގަންނަވަނީ ޚާލިދާގެ ދަރިކަލުން އަދި ޕާޓީގެ ޗެއާމަން ތާރިގް ރަހްމާނެވެ.
މި ކާމިޔާބީއަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން މަރުހަބާ ދަންނަވައިފައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު